ށ. ބިލެއްްފަހި ބަނދަރުގެ 79 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީއިން ބުނެފި އެވެ.

އެމްޓީސީސީއިން ބުނީ ބިލެއްފަހި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 79 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.

އަދި ބޭރުތޮށީގެ ޕްރޮފައިލިންގ މަސައްކަތްތައް ވެސް މިހާރު ވަނީ ނިމިފައި ކަމަށް އެމްޓީސީސީއިން ބުނެ އެވެ.

އެ މަޝްރޫއުގެ ދަށުން، 50،376 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 181 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 170 މީޓަރުގެ ސަަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނޭކަމަށް އެމްޓީސީސީއިން ބުނެ އެވެ

އަދި 434 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 1565 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، މަގުބައްތިއާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނޭ ކަމަށެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ އެ މަޝްރޫއަކީ ސަރުކާރުން 28.42 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.