އިންޑިއާގެ ވެރިކަންކުރާ ބަހަރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ) ގެ ތަރުޖަމާނަކާއި، އެޕާޓީގެ އިސް ބޭފުޅަކު ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރި މައްސަލަ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރަށްޔިތުން މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ކުށްވެރިކުރައްވައިފި އެވެ.

ގާސިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާ އާއި އެ ޕާޓީގެ ހުރިހާ އެންމެން އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖީޕީއިން ރަސޫލާއަށް ފުރައްސާރަ ކުރިކުރުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

ބީޖީޕީއިން ރަސޫލާއަށް ފުރައްސާރަ ކުރުމުން މުޅި ދުނިޔޭގެ ހުރިހާ މުސްލިމުން ވެސް އެކަމާއި މެދު ހިތްހަމަ ނުޖެހި ހިތާމަ ކުރަމުންދާ ކަމަށް ވެސް ގާސިމް ވިދާޅުވެފައި ވެއެވެ.

ކީރިތި ރަސޫލާ އަށް އިހާނެތި ބަސްތައް ރައްދުކޮށްފައި ވަނީ ބީޖޭޕީގެ ގައުމީ ސްޕޯކްސްޕާސަން ނުޕޫރު ޝަރުމާ އާއި ވެރިރަށް ނިއު ދިއްލީގެ ބީޖޭޕީގެ މީޑިއާ އިންޗާޖް ނަވީން ކުމާރު ޖިންދާލްއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޕާޓީގެ ބަޔަކު ރަސޫލާ އަށް ފުރައްސާރަ ކުރި އިރު، އިސްލާމީ ގިނަ ގައުމުތަކުން އަންނަނީ އެ ކަން ކުށްވެރިކޮށް ބަޔާން ނެރުމުންނެވެ. އަދި މިކަމުގައި އިންޑިއާ އާއި ބީޖޭޕީން ރަސްމީކޮށް މާފަށް އެދެން ޖެހޭނެ ކަމަށް ވެސް އެ ގައުމުތަކުން އަންނަނީ ބުނަމުންނެވެ.

އިންޑިއާގެ 1.35 ބިލިއަން މީހުންގެ އާބާދީގެ %80 މީހުންނަކީ ހިންދޫންނެވެ. އިންޑިއާގައި އެކި ދީންތަކުގެ މީހުން އުޅޭ އިރު، ހިންދޫންގެ ފަރާތުން މުސްލިމުންނަށް އެތައް ފުރައްސާރައެއް ކުރިމަތިވެއެވެ.

އިންޑިއާގެ އާބާދީގެ %14 ނޫނީ 189 މިލިއަން މީހުންނަކީ މުސްލިމުންނެވެ.

ބީޖޭޕީގެ ތަރުޖަމާނާއި ނިއު ދިއްލީގެ މީޑީއާ އިންޗާޖް ރަސޫލާ އަށް ފުރައްސާރަ ކުރުމާ ގުޅިގެން ތަރުޖަމާނު ސަސްޕެންޑް ކުރި އިރު، މީޑިއާ އިންޗާޖް ވަނީ ޕާޓީން މިހާރު ބޭރުކޮށްފައެވެ.

ބީޖޭޕީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެއްވެސް ދީނެއްގެ ޝަހުސިއްޔަތަކަށް ފުރައްސާރަ ކުރުމަކީ އެ ޕާޓީން ގަބޫލްކުރާ އުސޫލެއް ނޫން ކަމަށެވެ. ޝަރުމާ އާއި ޖިންދާލް ވަނީ އެ މީހުން ދެއްކި ވާހަކަތަކަށް މައާފަށް އެދިފައެވެ.

އެކަމަކު، ދެ މީހުންގެ ވާހަކަތަކާ ގުޅިގެން އިންޑިއާ ބޮއިކޮޓް ކުރުމަށް މުސްލިމް އެތައް ބަޔަކު އަންނަނީ ގޮވާލަމުންނެވެ. އަދި އެ ގައުމަށް ނުދިއުމަށް އެމީހުން ދަނީ އިލްތިމާސް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ރާޝިދާ

    މީނަކޮންތާކު މިއުޅެނީ ހާދަ ޚަބަރެއް ނުވެއޭ

  2. އަލީމޫސަ

    މީނަވެސް އުޅޭކަން އަންގާލީދިނީ ދޯ ފުރުސަތުގެ ބޭނުން ކޮއްލީ ވަރަށް މޮޔަކަންތައް ކުރިޔަސް ބައެއްފަހަރު ސިޔާސީކަންކަމުގަ ވަރަށްބުއްދިވެރިވާނެ. ޓިކްޓޮކްގަވެސް ކޭންޕެއިން ފަށާފަ އޮތީ.

  3. ހަސަންބެ

    އެމްޑީޕީގެ ޕަޕެޓެއް.

  4. އަހްމަދު

    ރައްޔިތުންނުކުމެ ބޮލަށްއަރާފާނެތީ އެއްޗެއްބުނެލީ. އެއީ އޭނަގެ ހިތުންރުހުމަކުންނޫން.

  5. ހަމައައުޓް..

    މީނާ އަައި މީނާހެ ޕާާޓީގެ ފަރަތުން މަޖިލިސް ގެރިކޮށީގައިތިބި ޙާއިނުން ކޮބާބައި ވޯޓުނެގިގަޑީގައި ..؟

  6. ރީތި މޫސަ

    ޤާސިމްއަށް ހެޔޮރަޙްމަތް ލައްވާށި! އާމީން

  7. ތަލު

    މަޖުލީހައް ދުރުވެ ވޯޓް ދެއްވިންތޯ؟ ނުދެއްވަންޏާ ބޮލައްއަރާފާނެތީ ޓުވީޓެއްކޮއްލީ...އުތަަ...ޕާޓީން ބަޔާނެއް ނެރެންކެރޭނެތޯ؟

  8. ޑައެލޯގް

    މިއީ ފިލިޖަހާމީހެކެވެ. އެނިމުނީއެވެ. ދެންލިބޭފައިސާގަނޑު ހިފައިގެން މީނަގެންގުޅޭ ރީލޯޑް ކުދިންކޮޅަކަށް ސަރުކާރުންދޭ ބައިތުލްމާލުގެ %5 ބަހާލުމުން އެކުދިންތިބޭނެ އެޕާޓީގައި އަތްޖަހަން އެއުޅޭ އަލީ ސޯލިހަކީވެސް މުޅިންވެސް އެގޮތަށް ފައިސާއާހެދި އުޅޭ ޖޭޕީމީހެކެވެ.