ކީރި ރަސޫލާ އަށް ފުރައްސާރަ ކުރުމަކީ ބޮޑު ކަމަކަށް ނުވާ ސަރުކާރެއްގެ ބަރަކާތެއް ނޯންނާނެ ކަމަށާއި އެފަދަ ސިޔާސަތުތައް ދަމަހައްޓާކަމުގައިވާ ނަމަ ލާދީނީ އޭ ކިޔޭނެ ކަމަށް ޖަމިއްޔަތު ސަލަފްގެ ރައީސް ޝެއިހް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް ދީނީ ޖަމިއްޔާ، ސަލަފްގެ ރައީސް މިފަދައިން ވިދާޅުވެފައިވަނީ އިންޑިއާގެ ވެރިކަންކުރާ ޕާޓީ ބީޖޭޕީން ރަސޫލާއަށް ފުރައްސާރަކުރުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަވެސް ބޭރުކޮށްލާ، އެކަން ކުށްވެރިކުރުމަށް ދިވެހި ސަރުކާރާއި ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީން ދެކޮޅު ހެދުމާ ގުޅިގެންނެވެ.

ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު މިއަދު މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލައިގައި ދިވެހި ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅާތީ އާއި ރަސޫލާއަށް ފުރައްސާރަ ކުރި ކުރުން ކުށްވެރިކޮށް، އެކަން ދިވެހި ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށެވެ.

ނަމަވެސް ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަންނަން މަޖިލީހުގެ ތިންބައިކުޅަ ދެބައި ކޮންޓްރޯލް ކުރާ ވެރިކަން ކުރާ އެމްޑީޕީން ތާއިދު ނުކުރުމުން މައްސަލަ ކުރިއަކަށް ނުގެންދެވުނެވެ.

އެ މައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ އެންމެ 10 މެމްބަރުންނެވެ. މައްސަލަ ބަލައިގަންނަން ނުފެންނަކަމަށް 33 މެންބަރުން ވޯޓު ދެއްވި އިރު ހަ މެމްބަރަކު ވޯޓު ދެއްވީ ވަކިކޮޅަކަށް ވޯޓް ދޭން ބޭނުން ނުވާކަމަށެވެ.

އެކަމާ ގުޅިގެން ޝެއިހް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް ވިދާޅުވީ ރަސޫލާއަށް ފުރައްސާރަކުރުން ބޮޑު ކަމަކަށް ނުވާ ސަރުކާރެއްގެ ބަރަކާތެއް ނޯންނާނެ ކަމަށާއި އެފަދަ ސިޔާސަތުތައް ދަމަހައްޓާ ޕާޓީތަކަށް ލާދީނީ އޭ ކިޔުމުގެ ހައްގުވެސް ރައްޔިތުންނަށް ލިބިގެންވާނެ ކަމުގައެވެ.

"ރަސޫލާއަށް ފުރައްސާރަކުރުމަކީ ބޮޑުކަމަކަށް ނުވާ ސަރުކާރެއްގެ އެއްވެސް ހެވެއް ނޯންނާނެ. ބަރަކާތް ކެނޑޭހުއްޓެ. އަދި އެސިޔާސަތު ދަމަހައްޓަމުންދާހާ ހިނދަކު، ޕާޓީއަކީ ލާދީނީ ޕާޓީއެއްކަން ކިޔުމުގެ ހައްގު ވެސް ދެންތިބި ރައްޔިތުންނަށް ލިބިގެންވާނެ. ލަނޑަޔާ ވާނީ ލަނޑާ." އޭނާ ވިދާޅުވިއެވެ.

ބީޖޭޕީ ތަރުޖަމާނުގެ ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލާގައި ވެރިކަން ކުރާ އެމްޑީޕީއިންވެސް އަދި ސަރުކާރުންވެސް އެއްވެސް އެއްޗެކޭ ބުނެފައިނުވެއެވެ. އިސްލާމީ އެންމެހާ ގައުމުތަކުން މިކަމާ ދަނީ އަޑު އުފުލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ލިލިޔަން

    އަނެކާ ލާދީނީއޭ ނުކިޔޭނެ ކަމަހަދާ ގަރާރެ ނެރެފަނެ

    15
  2. Anonymous

    👍

  3. އަހުމަދު

    ސެއިހް އެވިދާޅުވީ ރަނގަޅައް. ސަރުކާރާއި މަޖިލީހައް ލާދީނީ ވެސް ކިޔާނެ ކިޔާވަރުވީމަ

    20
  4. އަހްމަދު

    މީވަރަށް ދެރަ ހިތާމަހުރި ކަމެއް!

    10
  5. ދަންބެރު

    ލާދީނީ ނުކިޔޭނެ ކުއްލި ގަރާރެއް ރައީސްމީހާހަދާލާކަށް ސިކުންތެއްވެސް ނުނަގާނެ އެމީހުން ބިރުފަހަނަޅާ ހިނގައްޖެ އެމީހުން ބިރުގަންނަނީ އިންޑިއާދެކެ އިންޑިއާއައުޓުވެސް ކިޔުމަކީ ސަރުކާރުވެސް ވެއްޓިދާނެފަދަ ނުރަށްކާތެރި ކަމެއް.