މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ކަނޑުތަކުގެ ދުވަހާ ގުޅިގެން ދިރާގުން ކުޑަކުދިންނަށް ހާއްސަ ހަރަކާތެއް ހިންގައިފިއެވެ.

މިއީ ކަނޑުތަކަށް ދިމާވެފައިވާ އެކި މައްސަލަތަކާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރަން ބޭއްވި ސެޝަނެކެވެ.

ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިރާގުން މިއަދު ހެނދުނު އެންމެ ފުރަތަމަ ހަރަކާތްވެސް ފެށީ ކުޑަކުދިންނާ އެކުއެވެ.

އެގޮތުން ދިރާގުގެ އެމްބެސެޑަރު ޒޫނާ ނަސީމްގެ ބެލުމުގެ ދަށުން މިއަދު ހެނދުނު ވަނީ ކުޑަކުދިންނަށް ސްނޯކަލިންގެ ސެޝަންއެއް ކުރިއަށް ގެންގޮސްފައެވެ.

އެ ސެޝަންގައި ޒޫނާ ވަނީ ކަނޑުގެ ދިރުންތަކުގެ މިހާރު ހާލަތު އޮތް ގޮތާއި އެ ދިރުންތައް ރައްކާތެރިކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން ކުޑަކުދިން ހޭލުންތެރި ކުރުވައިފައެވެ.

މީގެ އިތުރުން އެންމެ ފަހަރަކު ބޭނުންކުރެވޭ ޕްލާސްޓިކްގެ ބާވަތްތައް މަދުކުރުމަށް ކުދިންނަށް ބާރު އަޅައިދީފައިވެއެވެ.

އެ ސެޝަނަށްފަހު ކުޑަކުދިން ވަނީ ކަނޑުތައް ރައްކާތެރިކުރުމަށް ވައުދުވެފައެވެ. އަދި ޕްލާސްޓިކް ބޭނުން މަދުކުރުމަށް ބާރު އެޅުމުގެ ގޮތުން ދިރާގުން ވަނީ އެއް ފަހަރަށްވުރެ ގިނައިން ބޭނުންކުރެވޭ ކޮތަޅު އެކުދިންނަށް ހަދިޔާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު