ރިޔާސީ އިންތިހާބުގައި 30 އިންސައްތައަށްވުރެ މަތިން ވޯޓު ހޯއްދަވާ ކެންޑިޑޭޓަކަށް އިންތިހާބު ކާމިޔާބުކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ބަދަލު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ގެންގުޅުއްވާ އިސްލާހަށް ތާއީދު ނުކުރައްވާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހާމަކުރައްވައިފިއެވެ.

ރައީސް ސޯލިހް މިގޮތަށް ހާމަކުރައްވާފައި ވަނީ ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން އެއްބަސްނުވެވޭނަމަ، 30 އިންސައްތަ ވޯޓުން ރައީސް އިންތިޚާބު ކުރެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރަން ރައީސް ނަޝީދު ގައުމީ މަޖިލީހަށް ހުށަހަޅުއްވާފައި ވަނިކޮށެވެ.

މިއަދު ރައީސް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ، ރާއްޖޭގެ ވެރިކަމަށް އަންނަން ޖެހޭނީ ރިޔާސީ އިންތިހާބުގައި 50 އިންސައްތައަށްވުރެ ގިނަ ވޯޓު ހޯދާ ބޭފުޅެއް ކަމަށާއި، 30 އިންސައްތައަށްވުރެ ގިނަ ވޯޓު ހޯދާ ބޭފުޅަކު ވެރިކަމަށް ވަޑައިގަތުމަށް އެމަނިކުފާނު ތާއީދު ނުކުރައްވާ ކަމަށެވެ.

މިއާއެކު، ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ އިތުރުން އެހެން ޕާޓީއަކަށްވެސް ރިޔާސީ އިންތިހާބުގައި 50 އިންސައްތައަށްވުރެ މަތިން ވޯޓު ނުލިބޭނެކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، އެމަނިކުފާނު އިންތިހާބުގައި ވާދަކުރައްވާނީ މިހާރު ސަރުކާރާއެކު އޮތް ޕާޓީތަކާއެކު ކޯލިޝަނަކަށް ގޮސްގެން ކަމަށެވެ.

"އަޅުގަނޑަށް ޔަގީންކަން އެބަ އޮތް ކޯލިޝަނަކާއެކީ، އެމްޑީޕީ އިސްވެ އޮވެ ބަޔަކާއެކީ 2023 ކާމިޔާބުކުރެވޭނެކަން. އެމްޑީޕީއަށް އެކަންޏެއް ނުވާނެ. ޕާޓީގެ ކޮންގްރެސްއިން ނިންމާނީ ކެންޑިޑޭޓަކު. އަޅުގަނޑަށް ދެވޭނެ ޔަގީންކަމަކީ އަޅުގަނޑަށް ކާމިޔާބުކުރެވޭނެ ކަމުގެ ޔަގީންކަން އޮތްވާހަކަ. އެމްޑީޕީއަށް ވެރިކަން ބޭނުމީޔާ އަޅުގަނޑު މިހިރީ ޗޮއިސްއަކަށް" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ، ވަރަށް ބައިވަރު މަޝްރޫއުތަކެއް ފެށިފައިވާ ކަމަށާއި، އެ ހުރިހާ މަޝްރޫއެއް ނިންމަން ދެވަނަ ދައުރެއް ހޯދަން ވަރަށް މުހިންމު ކަމަށެވެ. މިގޮތުން ރިޔާސީ އިންތިހާބު އެމްޑީޕީން ކާމިޔާބުކޮށްފިނަމަ، އޭގެ ފައިދާ މުޅި ދިވެހި ރައްޔިތުންނަށް ކުރާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް މިގޮތަށް ވިދާޅުވިިއިރު، އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އެމަނިކުފާނާއި ރައީސް ނަޝީދު އިއުލާނު ކުރައްވާފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ލާދީނީ މީހާގެ އެއްވެސް އެއްޗަކަށް ތާއީދުކުރާނެ ކަމެއް ނެތް. ޝުކުރިއްޔާ ރައީސް. މަނިކުފާނަކީ އަޅުގަނޑުމެންގެ ލޮބުވެތި ރައީސް. ކުރިއަށް ދައުރަށް މަނިކުފާނު ހޮވިވަޑައިގަތީމާ ލާދީނީ މީހާ މަގާމުން ވަކިކޮށް ޖަލަށް ލާނެ ކަމަށް އުންމީދުކުރަން.

  2. ޙައްގުބަސް

    ދިވެހިންނަކީ މޮޔައިންދޯ، ދައުރު ނިމެންކާރިވީމަ ލޯނުނަގާ ސަލާންޖަހައިގެން ވިވައުދު ފުއްދަންށޭ ކިޔާފަ މަޝްރޫއުތައް ތިފެށީ، ނުވާވަރުގެ ކަންތަކަށް ފޫނުގަޅާ ކަންތައް ކޮށްފަ ދައްކާފަ ހުރިވެރިޔަކަށް ޖާގަދީފަ އެއްކާރި ވުމަކީ އެއީ ޑިމޮކްރަސީއަކީ،

    19
    2
  3. ޖެލަސް

    ތިގޭ ދެވެރިން އެކަކު އަނެކަކަށް މާ ބޮޑަށް ޖެހިގެން ކަމަށް ދައްކަނީ ތީ ކުޅޭ ޗަރުކޭހެއް. 2 މީހުންވެގެން ތިބެ ރާވަާ ރޭވުން މިވާހަކަ މިބުނީ މިކަން ކަން ވަރަށް ރަގަޅަށް އެގޭތީ.

  4. ޑައެލޯގް

    ލޯނު ނުނަގާނަމޭ ބުނިމީހާ ފާއިތުވި ހުރިހާ ވެރިކަމަކުން ނަގާފައޮތީ 47 ބިލިއަނުގެ ލޯނެވެ. އިބޫއެކަނި 51 ބިލިއަންނަގައިފިއެވެ. އަދި ބާކީ ދޮޅުއަހަރު އެބައޮތެވެ. މިދައުރުނިމޭއިރު 70 ބިލިއަނަށް އިބޫގެ އެކަނިލޯނުވާނެއެވެ.