ރާއްޖޭގެ ދަރަނި އަދާކުރުމުގައި މާ ބޮޑު ހުރަހެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ތިން މަހު ސަރުކާރުން ނެގި ލޯނާއި ސޮވެރިން ގެރެންޓީ ހިމަނައިގެން ދަރަނި 99 ބިލިއަން ރުފިޔާ އަށް ވަނީ އަރައިފައެވެ. މި ސަރުކާރާ ހަވާލުވި ފަހުން ނެގީ 2.4 ބިލިއަން ޑޮލަރު (37 ބިލިއަން ރުފިޔާ) ގެ ދަރަންޏެވެ.

މިއަދު ރައީސް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ، ރާއްޖޭގެ ދަރަނި 100 ބިލިއަން ރުފިޔާއާ ގާތަށް ގޮސްފައިވާ ކަމަށާއި، ނަމަވެސް ދަރަނި އަދާކުރުމުގައި މާ ބޮޑު ހުރަހެއް އޮތް ކަމަށް ނުފެންނަ ކަމަށެވެ.

ދަރަނި ނުދެއްކި ރާއްޖޭގެ ރިޒާވް ހުސްވެދާނެކަމުގެ ބިރު އޮތް ކަމަށް އެކި ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ، އެކަން އެގޮތަށް ނުހިނގާނެކަމުގެ ޔަގީންކަން ހުރިހާ ދިވެހިންނަށް އަރުވާ ކަމަށެވެ.

މިގޮތުން ރައީސް ވިދާޅުވީ، 2017 ވަނަ އަހަރު ނެގި 250 މިލިއަން ޑޮލަރުގެ ސަނީ ސައިޑް ބޮންޑުގެ ބާކީ ނުދެއްކި އޮތް 58 މިލިއަން ޑޮލަރު އިއްޔެ ދައްކާފައިވާ ކަމަށެވެ. ދެން ދަރަނީގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ދައްކަން ޖެހޭނީ 2026 ވަނަ އަހަރު ކަމަށާއި، އެއީ 700 މިލިއަން ޑޮލަރު ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

"ރިކަރަންޓް ހަރަދު ކުރުމަށް އިތުރަށް ލޯން ނަގަން ނުޖެހޭ ގޮތަށް ބަދަލުތަށް ގެންނަމުން މިދަނީ. އެގޮތުން ލިބޭ އާމްދަނީއަކުން އެކަން ކުރަމުން ގެންދަން. ފައިސާ ޗާޕްކުރަން ޖެހޭ ހިސާބަށް ދާތަނެއް ނުފެނޭ" މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ދައުލަތުގެ ޔޫޒަބަލް ރިޒާވްގައި ރަނގަޅު އަދަދަކަށް ފައިސާ އެބަހުރި ކަމަށާއި، ތެލާއި ކާޑު އަދި ބޭސްފަދަ ތަކެތި ގަތުމަށް މި އަހަރު ނިމެންދެން ދަތިކަމެއް ނެތި ހޭދަކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ސޯލިހު ވިދާޅުވީ، ސަރުކާރުން މިހާރު ފަށާފައިވާ ހުރިހާ ޕްރޮޖެކްޓްތަކަކީ ފައިސާ ހަމަޖެހިގެން ހިންގަމުންދާ މަޝްރޫއުތައް ކަމަށާއި، އޭގެން އެއްވެސް ޕްރޮޖެކްޓެއް މަޑުޖައްސާލުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އަދި އިތުރު ޕްރޮޖެކްޓެއް ހިންގަން ލޯނު ނެގުން މިވަގުތަށް މަޑުޖައްސާލާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ތިލަމާލެ ބްރިޖަކީ ކޮންމެހެންވެސް ބޭނުންތެރި ބްރިޖެއް. އޭގެ މަސައްކަތް ކުރިޔަށް ގެންދަން ޖެހޭ. އޭގެ ފައިސާ ދައްކަން ޖެހޭނީ އަދި މާފަހުން. ހުރިހާ ކަމެއް ކުރިޔަށް މިގެންދަނީ އިކޮނޮމިސްޓުންގެވެސް އިރުޝާދާއެކު" ރައީސް ސޯލިހު ވިދާޅުވިއެވެ.

އިގްތިސާދީގޮތުން ރާއްޖެއަށް ކުރިމަތިވެގެން މިއުޅެނީ ދުނިޔެއަށްވެސް ކުރިމަތިވެގެން އުޅޭ އުނދަގޫ ކަމަށާއި، އެކަން ރަނގަޅުވާން އޮތީ ޔޫކްރެއިން އަދި ރަޝިއާގެ ހަނގުރާމައަށް ރަނގަޅު ގޮތެއް ވެގެން ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވަނީ، އިގްތިސާދާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ފަތުރަމުން އަންނަނީ ދޮގު ވާހަކަތަކެއްކަން ފާހަގަކޮށް، އެއީ ސިޔާސީ ބޭނުމަކަށް ކުރަމުން އަންނަ ކަމެއް ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރާއްޖެތެރެ

    ދޮގާމަކަރާ އޮޅުވާލުން ސަރުކާރު ތެރޭ އޮތީ

    20
  2. ހާމިދު

    ރަނގަޅުވާހަކައެއް މާބޮޑުހުރަހެއް ނޯންނާނެތާ ޤައުމުގަ އަދި އެބަހުރި ވިއްޔަ ވިއްކާނެތަން އެހެންވީމާ ދަރަނި ދައްކާކައް އުނދަގުލެއް ނުވާނެ އުނދަގޫވާނީ ދެންއަންނަ ސަރުކާރަކައް

    12
  3. Anonymous

    ލޯނު ދެއްކުމަށް މާބޮޑު ދައްޗެއްނެތް ހުރީ ކުދިކުދި މީދާ ދަތި!

    • ަަށވޔަނި

      އެކިމީހުން ކިޔެވީ އެކިއެކި ގޮތްތަކުން އިބްރާހިމް ކިޔެވި ފޮތުގަ އޮތްގޮތުން ދަރަނި ދައްކަން އުނދަގޫ ނޫންކަމަށް އެވިދާޅުވީ ސަހަރޯހީވޭ

  4. ޢަލީ

    ދަރަނިބޯ، ދަރަނިބޯ ދަރަނިބޯ