ސައްހަ ނޫން ފޯމް ހުށަހަޅައިގެން ޕާޓީއަށް އެންމެ ގިނަ މީހުން ވެއްދީ ޕީޕީއެމް އަށް ކަމަށް އިލްކެޝަން ކޮމިޝަނުން ބުނީ ސަރުކާރުގެ އެންގުމަށް 2023 ގެ ރިޔާސީ އިންތިހާބު ވަގަށް ނެގުމަށް ކަމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

ޕީޕީއެމްއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ޕީޕީއެމްގެ 5,000 އަށް ވުރެ ގިނަ މެންބަރުން ވަގަށް ނަގާ އެހެން ޕާޓީތަކަށް ބަދަލުކޮށްފައިވާ މައްސަލަ އީސީ އާއި ރައްޔިތުންގެ ސަމާލުކަމަށް އެ ކޯލިޝަންގެ ފަރާތުން ގެނެސް ފައިވާ ކަމަށެވެ.

އެކަމަށް އިންސާފު ހޯދުމަށް އެ ކޯލިޝަނުން ކުރަމުން ގެންދާ މަސައްކަތަށް ހުރަސް އަޅާ، އެވާހަކައިގެ މިސްރާބު އެހެން ދިމާއަކަށް އަނބުރާލުމަށް ސަރުކާރުން އަންގައިގެން އީސީން މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމަކީ އެ ކޯލިޝަނުން އިންތިހާއަށް ކަންބޮޑުވާ ކަމެށް ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

އަދި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

"2018 އިން 2022 އާއި ދެމެދު 391 ވަގު ފޯމު ޕީޕީއެމް ގެ ފަރާތުން އީސީއަށް ވައްދާފައިވާ ކަމަށް އީސީން ބުނަމުން ގެންދަނީ ކިހާވަރަކަށް ބައްލަވާފަތޯ؟ އެއީ ކޮން އަސާސެއްގެ މައްޗަށް ބުރަވެ ދައްކާ ވާހަކައެއްތޯ؟ އަދި އެއީ 2018 އިން 2022 އަށް ހުށަހަޅާފައިވާ ފޯމުތަކުން ނަގާފައިވާ އަދަދުތަކެއްތޯ؟ މި ޢަދަދު ހާމަކޮށްފައި އެވަނީ އެކަމުގެ ޖިނާއީ ތަހުގީގެއް ހިންގުމަށް ފަހުތޯ؟ ނުވަތަ އެފަރާތްތަކުގެ ފިނގަރޕްރިންޓް ވެރިފައި ކުރުމަށްފަހުތޯ؟ މި މައުލޫމާތުތައް ދިވެހި ރައްޔިތުންނަށް ހާމަކޮށްދިނުމަށް އީސީއަށް ގޮވާލަން." އިދިކޮޅުގައި ބަޔާނުގައި ބުނެފައި ވެއެވެ.

އޭގެ އިތުރުން، 2018 އިން 2022 އަށް ޕީޕީއެމް އިން 391 ވަގު ފޯމު ހުށަހަޅާފައިވާކަމަށް އީސީން ބުނާއިރު، އެމީހުންގެ މައުލޫމާތާއި އެމީހުން ހުށަހަޅާފައިވާ ޝަކުވާތައް ޕީޕީއެމް އަށް ފޮނުވާދިނުމަށްވެސް އިދިކޮޅުން ވަނީ ގޮވާލާފައެވެ.

ބަޔާނުގައި ބުނެފައިވަނީ ޕާޓީތަކުގެ މެންބަރުން ވަގަށް އެހެން ޕާޓީތަކަށް ވައްދާކަން އީސީގެ ސަމާލުކަމަށް ގެނެސް އެކަން ހައްލު ކުރުމަށް އީސީ އަށް އެއްބާރުލުން ދީ އެންމެ ބޮޑު މަސައްކަތެއް ކުރާ ޕާޓީއާއި މެދު ޒާތީވެ ބަދުނާމު ކުރަން ފަށާފައި މިވަނީ މިކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން އަންގައިގެން ކަމަށް ގަބޫލު ކުރާ ކަމަށެވެ.

އަދި އެއީ 2023 ގައި ބާއްވާ ރިޔާސީ އިންތިހާބު ވަގަށް ނެގުމަށް ސަރުކާރާއި ސަރުކާރާ ވާގިވެރިވާ ފަރާތްތައް ރުއްސުމުގެ އަމަލެއް ކަމުގައިވެސް ބެލެވޭ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

ޕީޕީއެމްގެ މެންބަރުން ވަގަށް ނަގާފައިވާ މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގައި، ވަގަށް ނަގާފައިވާ ޕީޕީއެމްގެ މެންބަރުން އިތުރު ފޯމެއް ފުރުމެއް ނެތި، އަނބުރާ ޕީޕީއެމްގެ ދަފްތަރުގައި ހިމަނައިދިނުމަށް ބަޔާނުގައި ވަނީ އެދިފައެވެ.

އީސީން ވަނީ 2018 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ސިޔާސީ ޕާޓީތަކަށް ވައްދައިގެމް އީސީ އަށް ލިބިފައިވާ ޝަކުވާތަކުގެ ތަފާސް ހިސާބުތައް އާންމު ކޮށްފައެވެ.

އެގޮތުން އެންމެ ގިނަ ޝަކުވާ ހުށަހަޅާފައިވަނީ އިދިކޮޅު މައި ޕާޓީ ޕީޕީއެމްއާ ދެކޮޅަށެވެ. އެ ޕާޓީގައި ރަޖިސްޓަރީ އޮވެގެން 391 މީހަކު ވަނީ ޝަކުވާ ހުށަހަޅައިފައެވެ.

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގައި ރަޖިސްޓާ އޮވެގެން 213 މީހުން ޝަކުވާ ހުށަހަޅާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މި އަހަރުގެ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޕާޓީ އަކުން ހުށަހަޅާފައިވާ ސައްހަ ނޫން ކޮންމެ ޕޯމަކަށް 10،000 ރުފިޔާއިން އެ ޕާޓީއެއް ޖޫރިމަނާ ކުރަން އީސީއިން ވަނީ ނިންމާފައެވެ.

އަދި ޕާޓީގެ ރަޖިސްޓްރާ ފުރަތަމަ ފަހަރު 5،000ރ. ، ދެވަނަ ފަހަރުން ފެށިގެން 10،000ރ. ޖޫރިމާނާ ކުރަން ފަށަށް ވަނީ ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑައެލޯގް

    އިލެކްޝަން ކޮމިޝަންއޮތީ ސަރުކާރަށް ވިކިފަކަން ވަރަށް ސާފުކޮށްއެގޭނެ ކޮމަންޑޫ ދާއިރާގެ އިންތިހާބުން އެއިންތިހާބުގައި ސަރުކާރުން ކެންޕެއިންކޮށްފައިވަނީ ކޮރައްޝަނާއެކު މުޅިދައުލަތް ދަވާލައިގެނެވެ. އެކަމުވެސް އެލެކްޝަނަކަށް ވީކަމެއްހަރާމެވެ.