ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ރަނިންގ މޭޓްގެ ގޮތުގައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމަށް، ރައީސް ސޯލިހް ހުށައަޅުއްވާފައިވާ ކަމަށް ދެކެވެމުންދާ ވާހަކަ ޖޭޕީން ދޮގުކޮށްފިއެވެ.

ރައީސް އެފަދަ ހުށަހެޅުމެއް ހުށަހެޅުއްވި ކަމަށް ވިދާޅުވީ، މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ޠާރިގު (ޓޮމް)އެވެ.

ޓޮމް މިގޮތަށް ވިދާޅުވެފައި ވަނީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބާއި ގާސިމާއި މަޝްވަރާ ކުރެއްވުމަށް އދ. މާމިގިއްޔަށް ރައީސް ވަޑައިގެންނެވުމާއި ގުޅިގެންނެވެ.

ޓޮމް ވިދާޅުވީ، ގާސިމްގެ އުއްމީދު ނިމުމަކަށް ގެނެސް، ރައީސް ސާލިހްގެ ރަނިންމޭޓްކަން ހުށަހަޅާފައިވާ ކަމަށެވެ. އަދި އެމްޑީޕީގެ ރައީސް، ރައީސް ނަޝީދަށް، ރައީސް ސޯލިހްގެ ތަނިންގމޭޓްގެ މަގާމުވެސް ހައްގު ނުވަނީތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

އޭނާގެ މި ވާހަކަތައް ދޮގުކުރައްވާ ޖޭޕީގެ ނައިބު ލީޑަރު އިލްހާމް އަހުމަދު ވިދާޅުވީ، ގާސިމަށް ރަނިންމޭޓްކަން ހުށަހެޅި ވާހަކަ އަކީ ހިޔާލީ ވާހަކައެއް ކަމަށާއި އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

ރައީސް ސާލިހް ކުއްލި ގޮތަކަށް ގާސިމާއި މިބައްދަލު ކުރައްވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރެއްވިތާ ދެެދުވަސް ފަހުންނެވެ. ރައީސް ސާލިހް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރެއްވުމާއިއެކު ގާސިމް ވެސް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަފާނެ ކަމުގެ އިޝާރާތެއް ދެއްވާފައެވެ. ނަމަވެސް އެކަން އަދި ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ.

މިއަދު ހެނދުނު ރައީސް ސާލިހް މާމިގިއްޔަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މާމިގިލި އެއަރޕޯޓުން މަރުހަބާ ދެންނެވީ ގާސިމެވެ. ރަތް ދޫލައިގެ މަރުހަބާއެއް ގާސިމްގެ ރަށުން ރައީސް ސާލިހަށް ދެންނެވިއިރު، އެމަނިކުފާނަށް މަރުހަބާ ދަންނަވަން ގިނަ ބަޔަކު ވެސް އެއާޕޯޓަށް ޖަމާވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ރަދީފް ހުސެން

    ހުށައެޅީ ދައުލަތް ޒިންމާވާގޮތައް 6ކަ ލޯނާ، 5 ފަރަކައް ފަޅުރަށާ 4 ވަރަކައް ފަޅާ، އެސްޓީއޯއައް ގަންތެލޭ ގޭހުން ބައިއެޅޭނެ ގޮތްތައް. ސަރުތަކީ ސަރުކާކައް ސަނާކިޔުމާ ސަރުކާރާއިދިކޮޅައް އެއްވެސް ވާހަކައެއް ނުދެއްކުން.

  2. ޔާސިރު

    2023 ގަ ގާސިމް އަށް ރައީސް ކަން ހުށައެޅުމަށް ރައީސް ނަޝީދަށް ދަންނަވަން. ޝަރުތަކީ ގާސިމުގެ ރިޔާސީ ދައުރު ނިމެންވާއިރަށް ރާއްޖެ ބަރުލަމާނީ ނިޒާމަކަށް ބަދަލު ކޮށް 2028ގަ ނިޒާމު ބަދަލުކޮށް ރައީސްކަން ގާސިމަށް، ބޮޑުވަޒީރުކަން އަންނިއަށް ލިބުން. މިއީ ގާސިމުވެސް ރުހޭނެ ސިޔާސީ ގޮތުން ގާސިމަށްވެސް އެމްޑީޕީ އަށް ވެސް މޮޅު ގައުމަށް ފައިދާ ހުރި ނިންމުމަކަށްވާނެ.
    ގާސިމް އެންމެ ބޭނުންވާ ރައީސުލް ޖުމްހޫރިއްޔާގެ މަގާމު ލިބޭނެ. 2028 ނިމޭރު ގާސިމްގެ އުމުރުފުޅުން 80 އަހަރާ ގާތްކުރާނެ. ގާސިމަށް ބަރުލަމާނީ ނިޒާމެއްގެ ތެރެއިން ހެޑް އޮފް ސްޓޭޓްގެ ގޮތުގަ ރައީސްކަމުގެ އިތުރު ދައުރެއް ލިބޭނެ. އުމުރުފުޅުން ދުވަސް ވެފަ ހުރުމުން މިޢީ އެއިރަށް ބަލާއިރު ގާސިމަށް ވަރަށް އެކަށޭނެ އަދި ޝަރަފުވެރި މަގާމަކަށްވާނެ. ބަރުލަމާނީ ނިޒާމުގަ އެމްޑީޕީ-ޖޭޕީ ކޯލިޝަން ހަދައިގެން ސަރުކާރެއް އުފެއްދުމުގެ ފުރުސަތު ވެސް އޮންނާނެ.
    ނަޝީދު ބޭނުންވާ ބަރުލަމާނީ ނިޒާމާ އެންމެ ފުރަތަމަ ބޮޑުވަޒީރުގެ ލަގަބުވެސް ލިބޭނެ.. އެމްޑީޕީގެ ފުލް ކޮންޓްރޯލް ނަޝީދަށް ލިބޭނެ.
    ގައުމަށް އެންމެ މޮޅުގޮތް ރައީސް ނަޝީދާއި ގާސިމް ނިންމަވާނެ ކަމަށް އުއްމީދު ކުރަން.
    ވަގުންނާއި އަނިޔާވެރިންގެ ކިބައިން މި ގައުމު ސަލާމަތް ކުރެވޭނެ މިނޫން އިތުރު ފޯމިއުލާއެއް ނެއް. މިރާއްޖެ އިސްލާހީ ހަރަކާތް ފެށީވެސް ނަޝީދާ ގާސިމް. 2 ބޭފުޅުންގެ ސިޔާސީ ހަޔާތްޕުޅު ނިމުމުގެ ކުރިން ދިވެހިން އުއްމީދު ކުރި ހަގީގީ ހެޔޮވެރިކަން ހޯއްދަވައި ދެއްވާނެކަމަށް އުއްމީދުކުރަން.
    ދެބޭފުޅުންނަށް ހެޔޮ ސިއްހަތާ ދިގު އުމުރުފުޅެއް ދެއްވުން އެދި ދުއާ ކުރަން.

    10
  3. އަހަންމަދު

    ޓޮމް ތިކުރެވީ ވަރަށް މުހިއްމު ސުވާލެއް!ޖަވާބަކީ އާއެކެވެ!ސަބަބަކީ ނަޝީދަކީ ކާފަރުންގެ ގާތަށް ގޮސް އިސްލާމްދީނުގެ ގޮތްތައް ފިޔަވާ އެހެން ގޮތެއް ދިވެހިން ބޭނުންވާ ކަމަށާއި އެގޮތް ހޯދުމަށް އެކާފަރުންގެ މަދަދަށް އެދިފައިވާ މީހަކަށް ވާތީއެވެ!

  4. ޔާސިރުގެ ބައްޕަ

    ދަރިފުޅާ! ތިޔަ ކިޔަނީ ކީކޭތަ؟

  5. ސަމްކުޅިބޭ

    އިލްހާމަކީ ތީ ރިއަލިޓީ. ތެދެއް ނުހަދާނެ. ލޮލުންފެނި އަތުން ހިފިއަސް ބުނާނެ އޭދޮގެކޭ.

  6. ޑައެލޯގް

    ޖޫމްހުރިޕާޓިންވެސް ކަމެއްދޮގުކޮށްފިތަ އޭގެއަނެއްކޮޅު ފެންނާނީ މުނާފިގު ޕާޓީއެއްތީ

  7. ލެވޭވަރު

    ކޯޓަށް ގެންދާއިރަށް އެއްވެސް ބައްޔެއް ނެތި ބަލިވާކަމަށް ހެދޭ މީހަކު އަދި ދައުލަތަށް ދައްކަންޖެހޭ ދަރަނި ނުދައްކާހުރެފަ އެކަމަކު ދެއްކި ކަމަށް ބުނާ މީހާ ތިކަމުގަ އަނގައިން ތެދެއް ބުނާނެތަ؟ ނުބުނާނެ!