ކޮވިޑް-19 އިން ސަލާމަތްވުމަށް ކޮވިޑް-19 ވެކްސިންގެ ތިންވަނަ ޑޯޒް ފުރިހަމަކުރީ 161،938 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން އާންމުކުރި އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، މިހާތަނަށް 398،751 މީހުން ކޮވިޑްގެ ފުރަތަމަ ޑޯޒް ޖަހާފައިވެއެވެ. އަދި 384،347 މީހުން ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވެއެވެ.

ކޮވިޑުން ރައްކާތެރިވުމަށް ވެކްސިންގެ ތިންވަނަ ޑޯޒް (ބޫސްޓާ ޑޯޒް) އެޗްޕީއޭއިން ޖަހަން ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެންނެވެ.

އެއީ އުމުރުން 60 އަހަރުން މަތީގެ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި ފްރޮންޓް ލައިންގައި މަސައްކަތް ކުރާ ސިއްހީ މުވައްޒަފުން އެކަންޏެވެ. މިހާރު ބޫސްޓާ ޑޯޒް ޖަހަމުންދަނީ 50 އަހަރުން މަތީގެ މީހުންނަށެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް ބޫސްޓާ ޑޯޒް ޖަހާފައިވަނީ 161،938 މީހުންނެވެ. އެއީ ވެކްސިން ޖެހޭ އާބާދީހެ 35.76 އިންސައްތަ މީހުންނެވެ.

ރާއްޖޭގައި ކޮވިޑްގެ ކޭސްތަށް ދަށްވެފައި އޮތުމަށް ފަހު އަނެއްކާ ވަނީ ވޭދަނަތައް މައްޗައް ދާން ފަށައިފައެވެ. އެހެންކަމުން ބޭރަށް ގޮސް އުޅޭއިރުގައި މާސްކް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮވިޑަށް ފަހުގައި ރާއްޖޭގެ އިގްތިސާދު ވެސް މިހާރު އަންނަނީ މަޑުމަޑުން ކުރިން ހުރި މިންވަރަށް އިއާދަވަމުންނެވެ. ވޯލްޑް ބޭންކުން ލަފާކުރާ ގޮތުގައި އަންނަ އަހަރުގެ ތެރޭގައި ރާއްޖޭ އިގްތިސާދު ކޮވިޑުގެ ކުރިން ހުރި މިންވަރަށް އިއާދަވާނެއެވެ.