ގައުމުގެ ހަގީގީ ދުޝްމަނުންނަކީ މި ސަރުކާރުގައި ތިބި ވެރިން ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިފަދައިން ވިދާޅުވީ، އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްތެރޭގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އިދިކޮޅަކީ ދުޝްމަނުން ކަމަށް ސިފަކޮށް އަދި އެ ފަރާތްތަކަށް ހިތްވަރު ނުދިނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ގޮވާލުމާ ގުޅިގެން ކުރެއްވި ޓުވިޓެއްގައެވެ.

އެޓުވިޓުގައި އާދަމް ޝަރީފް ވިދާޅުވީ، އިދިކޮޅުން ވާހަކަ ދައްކަމުން އަންނަނީ ހަގީގަތަށް ބިނާކޮށް ކަމަށާއި، އަދި އެ ވާހަކަތަކަކީ ގައުމުގެ ހާލުގެ ދުލުން ދައްކާ ވާހަކަތައް ކަމަށެވެ.

"ގައުމުގެ ހަގީގީ ދުޝްމަނުންނަކީ ސަރުކާރުގައި ތިބި، ރައްޔިތުންނަށް ކަންކަން އޮޅުވާލާ ވެރިން. އެއީ ގައުމުގެ ޚާއިނުން." އާދަމް ޝަރީފްގެ ޓްވީޓްގައިވެއެވެ.

މިސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ އާދަމް ޝަރީފް ވަނީ މި ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އަބަދު ވެސް ކުރިއަށް ދާނެ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު