ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ށ. ފުނަދޫއަށާއި، ނ.ހޮޅުދުއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

އެމަނިކުފާނުގެ އެ ދަތުރުފުޅަކީ، ށ. ފުނަދޫ ސްކޫލުގެ ރަންޔޫބީލް ޖަލްސާއާއި، ނ. ހޮޅުދޫ މޭނާ ސްކޫލްގެ އަލިމަސްޔޫބީލް ޖަލްސާ ޝަރަފްވެރިކޮށްދެއްވުމަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅެކެވެ.

ހުކުރު ދުވަހު ރައީސް ފެއްޓެވި އެ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ، ށ. ފުނަދޫއަށެވެ. ރައީސް ވަނީ ހުކުރު ދުވަހުގެ ރޭ ފުނަދޫ ސްކޫލުގައި ބޭއްވި އެ ސްކޫލުގެ ރަންޔޫބީލް ޖަލްސާ ޝަރަފްވެރިކޮށްދެއްވާފައެވެ.

އެ ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ސްކޫލުގެ 50 އަހަރުގެ ދިގު ތާރީހުގައި ބިނާކޮށްދީފައިވާ އިންސާނީ ވަސީލަތްތަކަކީ އެ ސްކޫލުން މުޖުތަމައަށް ދޫކުރި ވަރަށް އަގުހުރި ހަދިޔާއެއް ކަމުގައެވެ.

"ފުނަދޫ ސްކޫލަށް 50 އަހަރު ފުރިގެން ދިޔައިރު، މި ސްކޫލް ވަނީ މުޖުތަމަޢަށް ވަރަށް އަގުހުރި ހަދިޔާއެއް ކޮށްދީފައި. އެއީ އިންސާނީ ވަސީލަތްތައް ބިނާކުރުން. ފުނަދޫ ސްކޫލުން ދަރިވަރުވި އެތައް ބަޔަކު، މިރަށާއި މި ސަރަޙައްދުގެ އެކި އިދާރާތަކުގެ އިސް މަގާމުތަކެއްގައި މިހާރު ވެސް އެ ގެންދަވަނީ ޚިދުމަތް ކުރައްވަމުން." ރައީސް ވިދާޅުވިއެވެ.

ނ. ހޮޅުދޫއަށް ރައީސް ވަޑައިގެންނެވީ ހޮނިހިރު ދުވަހުގައެވެ. ހޮޅުދޫ މޭނާ ސްކޫލުގެ އަލިމަސްޔޫބީލް ހަނދާނީ ބިނާ އިފްތިތާޙްކޮށްދެއްވުމުގެ އިތުރުން އެ ސްކޫލްގެ އަލިމަސްޔޫބީލް ޖަލްސާ ރައީސް ވަނީ ޝަރަފްވެރިކޮށްދެއްވާފައެވެ.

އެ ޖަލްސާގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މޭނާ ސްކޫލަކީ ރާއްޖޭގެ ތަޢުލީމީ ޙަޔާތުގައި މަތީ މަޤާމެއް ޙާޞިލްކޮށްފައިވާ ސްކޫލެއް ކަމަށެވެ.

"މޭނާ ސްކޫލަކީ ރާއްޖޭގެ ތަޢުލީމީ ޙަޔާތުގައި ވަރަށް މަތީ މަޤާމެއް ޙާޞިލްކޮށްފައިވާ ސްކޫލެއް. މި ސްކޫލްގެ އެންމެ ބޮޑު ކާމިޔާބަކީ، ގައުމަށް ޚިދުމަތްކުރާ މޮޅެތި ދަރިންތަކެއް މި ސްކޫލުން ބިނާކޮށްދީފައިވުން." ރައީސް ވިދާޅުވިއެވެ.

ށ. ފުނަދޫ އަށާއި، ނ. ހޮޅުދޫއަށް ރައީސް ކުރެއްވި އެ ދަތުރުފުޅުގައި ވަނީ، އެދެރަށުގެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުންނާއި ބައްދަލުކުރައްވައި އެރަށްރަށުގެ ތަރައްގީއާ ގުޅޭ ކަންކަމުގައި މަޝްވަރާކުރައްވާފައެވެ.

އެ ދެ ރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް އެނބުރި މާލެ ވަޑައިގެންނެވީ މިއަދު މެންދުރުއެވެ.