ބަލިވެ އުޅުއްވާތީ ރައްޔިތުންގެ މަޖިލީހުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމްއާ މިއަދު ސުވާލެއް ކުރެވޭ ގޮތެއް ނުވިއެވެ.

މިނިސްޓަރު ނަސީމް މިއަދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހާޒިރުކުރަން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްއެވެ.

ޝިޔާމް އެދިވަޑައިގެންނެވީ ނައިފަރުގައި ހަދާ ޓާޝިއަރީ ހޮސްޕިޓަލާ ގުޅޭ ގޮތުން ސުވާލު ކުރެއްވުމަށެވެ. އަދި އެކަމަށް މިހާރު ކުރެވެމުންދާ މަސައްކަތްތަކާއި އަދި އެ މަޝްރޫއު ނިމޭނެ ތާރީހު ވެސް ހޯއްދަވަން ޝިޔާމް ހުށަހެޅުއްވިއެވެ.

ނަމަވެސް މިއަދު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ މިނިސްޓަރު ނަސީމް އުޅުއްވާތީ މިއަދު މަޖިލީހަށް ހާޒިރުވެވަޑައިގެންނެވޭ ގޮތެއް ނުވި ކަމަށެވެ. އަދި މިނިސްޓަރާ ސުވާލު ކުރުން އެހެން ދުވަހަކަށް ތާވަލު ކުރައްވާނެ ކަމަށް ވިދާޅުވިއެެ.

ނައިފަރުގައި ޓާޝިއަރީ ހޮސްޕިޓަލެއް ހެދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފައި ވެއެވެ.

ނައިފަރުގެ އިތުރުން އެހެނިހެން ބައެއް ބޮޑެތި ރަށްރަށުގައި ވެސް ޓާޝިއަރީ ހޮސްޕިޓަލުތައް އަޅައި އަދި އެހެން ރަށްރަށުގައި ހޮސްޕިޓަލުތައް އަޅަން މި ސަރުކާރުން ވަނީ ރާވައިފައެވެ.