ރަލާއި މަސްތުވާތަކެއްޗަކީ މިވަގުތު ރާއްޖެއަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމެވެ. ބަނގުރާ އާންމުވެ، އޭގެ ވިޔަފާރި ކުރާ މީހުން ބޮޑެތި ނެޓްވޯކްތައް ހަދާފައިވާއިރު އެފަދަ ކުށްތަކަށް ދެވޭނެ ސީދާ އަދަބެއް ގާނޫނުގައި ނޯވެއެވެ. ބަނގުރަލާއި ބެހޭ ހާއްސަ ގާނޫނެއް ނެތުމަކީ ފުލުހުންގެ ވެސް ކަންބޮޑުވުމެކެވެ.

ބަނގުރަލުގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ދެ ވަނަ ދުވަހު ފުލުހުން ވަނީ މީހަކު ހައްޔަރުކޮށްފައެވެ. މިގޮތުން އޭނާ ހައްޔަރުކުރި އިރު އޭނާ ދުއްވަން އިން ސައިކަލުގެ ހުންގާނާއި މަޑިއާ ދޭތެރެއިން ވަނީ ބަނގުރާ ފެނިފައެވެ. އެ ތަކެތި ހުރީ ކޯސްޓްކިރު ފޮއްޓަކަށްލާ ބަންދުކޮށްފައެވެ.

އޭނާ ދިޔައީ ދެ ފޮށިގަނޑުގައި ޖުމުލަ 19 ބަނގުރާ ފުޅި ހިފައިގެންނެވެ. އެތަކެތި ތަހުލީލުކުރި ކުރުމުގައި ވަނީ ބަނގުއާވަތަށް ފައްސިވެފައެވެ. ބަނގުރާ އެތެރެކޮށް، އޭގެ ވިޔަފާރި ކުރުމުގެ ކުށުގެ ތުހުމަތު އޭނާގެ މައްޗަށް ފުލުހުން ކުރެއެވެ.

ބަނގުރާ ފުޅިއެއް ކަނޑަނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެކަމަކު އެ މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވަނީ އެންމެ ދައުވާއެކެވެ. އެއީ ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާއެވެ. ސަބަބަކީ އެފަދަ ކުށްތަކަށް ހާއްސަ ގާނޫނެއް ގަވާއިދެއް މިހާތަނަށް ނެތުމެވެ.

މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި މައްސަލަ ރައްދުވާ ފަރާތުން ވަނީ ކުށަށް އިއުތިރާފުވެފައެވެ. އެހެންވެ، މައްސަލަ ކުރިޔަށް ގެންގޮސްފައިވަނީ އަވަސް ނިޔާގެ ޝަރީއަތެއްގެ ގޮތުގައެވެ.

މިފަދަ ކުށެއްގެ އަސާސީ އަދަބެއްގެ ގޮތުގައި ގާނޫނުލް އުގޫބާތުގައި އޮންނަނީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް މައްސަލައިގެ ތަހުގީގުގައި ދިހަ ދުވަހާއި 23 ގަޑިއިރު ބަންދުކުރެވިފައިވާތީ އެބައި ވެސް ހުކުމުން އުނިކޮށްދިނުމަށް ދިފާއުން ވަނީ އެދިފައެވެ.

އިބްތިދާއީ އަޑުއެހުމުގައި ކުށަށް އިއުތިރާފުވުމުން ވެސް އަސާސީ އަދަބަށްވުރެ އެއް ދަރަޖަ އަދަބު ލުއިވާނެއެވެ. އެއާއެކު އެ މައްސަލަ އޭނާގެ މައްޗަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާތީ ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވި އިސް ގާޒީ އަހުމަދު ޝަކީލް ވަނީ، އެއް މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

އެކަމަކު އެ އަދަބު ވަނީ ޖޫރިމަނާއަކަށް ބަދަލުކޮށްދީފައެވެ. އެހެންވެ، ބަނގުރާ އެތެރެކޮށް، އެ ވިއްކި މައްސަލައިގާ އޭނާގެ އަދަބަކީ 10،800 ރުފިޔާގެ ޖޫރިމަނާއެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަބުދުﷲ

    ރިސޯޓު އޯނަރުން ކުއްވެރި ނުވެ އާދައިގެ މީހަކު ވިއްކުމުން ހަރާމް. އަދަބުލިބޭ. ؟؟؟؟ ތާކުންތާކުނުޖެހޭ ވާހަކަ .