ފައިސާ ހޯދުމަށްޓަކައި ޕޯސްޓް އޮފީހުގެ ނަމުގައި ސްކޭމް މެސެޖުތަކެއް ކުރަމުން އަންނާތީ ސަމާލުވުމަށް ފުލުހުން އެދިއްޖެއެވެ.

ފުލުހުން އިއްޔެ ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، މަކަރާއި ހީލަތުން ފައިސާ ހޯދާ ފަރާތްތަކުން ޕޯސްޓް އޮފީހުގެ ނަމުގައި މެސެޖުތަކެއް ފޮނުވަމުން އަންނަ ކަމަށާއި، އެއީ ސައްހަ މެސެޖުތަކެއް ނޫން ކަމަށެވެ.

ފުލުހުން ވަނީ މިފަދަ މެސެޖެއް ލިބުނަސް، މެސެޖުގައި ވާ ލިންކަށް ނުފިއްތުމަށް އެދިފައެވެ.

ސްކޭމް މެސެޖުތަކާއި، ފޭކް ފޯނު ކޯލްތަކުގެ މައްސަލަ އަކީ މިހާރު ވަރަށް އާންމު މައްސަލައެކެވެ.

އެގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދާދިފަހުން ރިޕޯޓްކޮށްފައިވާ އާންމު ސްކޭމް މައްސަލަތަކަށް ބަލާއިރު، ސްކޭމަރުން ޝިކާރައަކަށްވާ މީހުންނާ މުއާމަލާތް ކުރަނީ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ.

މައިގަނޑު ގޮތެއްގައި ފޭސްބުކް މެދުވެރިކޮށް ފައިސާ ހޯދުމަށް އެދެނީ ސިއްހީ ކަންކަމަށާއި، ބޭސް ފަރުވާގެ ނަމުގައި އާއި ލޮކްޑް/ ބޭނުން ނުކުރެވޭ އިންޓަރނެޓް ބޭންކިންގ މީގެ އިތުރުން ރާއްޖެއިން ބޭރުން ފޮނުވާ އުފެއްދުން ނުވަތަ ހަދިޔާ އަދި ކަސްޓަމް ކްލިއަރެންސް ފީ ގެ ނަމުގައި އޮޅުވާލައިގެން ކަމަށް އެ ބީއެމްއެލްގެ ސްކޭމް ރިޕޯޓުތަކުން ފާހަގަވެފައިވެއެވެ.

ސްކޭމަރުން ގިނައިން ބޭނުންކުރަނީ ޑޮލަރު އަދި ދިވެހި ރުފިޔާގެ އަދަދުތައް ލިޔެފައިވާ މޯލްޑިވްސް އިސްލާމިކް ބޭންކް އެކައުންޓް ޑިޕޮސިޓްގެ ނަކަލެއް ނުވަތަ ފޭކު ސްލިޕްތައް ބޭނުންކޮށްގެންނެވެ. އަދި މި ކަހަލަ ސްކޭމްތަކުގައި ޝިކާރައަކަށްވާ މީހާއަށް އޮޅުވާލައިގެން ފައިސާ ފޮނުވަން ބުނެއެވެ.

އަދި ސްކޭމަރުން ޝިކާރައަކަށްވާ މީހުންނާ ގުޅުމަށް ނޭނގޭ ނަންބަރުތަކެއް ނުވަތަ، ވަޓްސްއެޕް، ވައިބަރ، ޓެލެގްރާމް ނުވަތަ އިންސްޓަގްރާމް ފަދަ އެހެން މުވާސަލާތީ ޕްލެޓްފޯމްތައް ބޭނުންކުރެއެވެ.