ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުޅުދުއްފުށި ދެކުނު ދާއިރާއަށް ވާދަކުރެއްވި ޕީއެންސީ ކެނޑިޑޭޓް ފަރުހަތު މުހައްމަދުގެ ޖަގަހައިގައި އަލިފާން ރޯކޮށްލި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

މި މައްސަލައިގައި ހައްޔަރުކުރީ ހދ. ކުޅުދުއްފުށި/ހީނާމާގެ، އަންވަރު މުހައްމަދު (31އ)އެވެ. އަންވަރުގެ މައްޗަށް ކުރަނީ ގަސްދުގައި އަލިފާން ރޯކޮށް މުދަލަށް ބޮޑެތި ގެއްލުން ދިނުމުގެ ކުށުގެ ތުހުމަތެވެ.

މިމައްސަލައިގައި ފުލުހުން އަންވަރު ހައްޔަރުކޮށްފައި ވަނީ ރާއްޖޭން ބޭރަށް ފުރަން ދާން އެއާޕޯޓަށް ގޮސް ހުއްޓައެވެ. މިމައްސަލައިގައި އޭނާ ހައްޔަރު ކުރުމަށްފަހު، އިއްޔެ ވަނީ އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކޮށްފައެވެ.

އެމައްސަލައިގައި އޭނާއާއި ދެކޮޅަށް ފުލުހުން ހެކި ހުށަހަޅާފައިވާއިރު، އޭނާގެ ބަންދަށް ކޯޓުން ވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ.

އޭނާ ބަންދު ކުރި ކޯޓު އަމުރުގައި ބުނާގޮތުން އަންވަރަށް ލިބިފައިވާ ޒަހަމްތަކަށް ފަރުވާ ހޯދުމަށް ކުޅުދުއްފުށީގައި ރަނގަޅު ފެންވަރެއްގެ ހޮސްޕިޓަލެއް ހުރިއިރު އެހެން ރަށަކަށް ގޮސް އޭނާ ވަނީ ފަރުވާ ހޯދާފައެވެ. އަދި ކޯޓަށް ހާޒިރުވުމަށް އަންގާ ޗިޓް ފޮނުވުމުންވެސް ހާޒިރުނުވާ ކަމަށާއި މައްސަލައަށް ފިލައިގެން ރާއްޖެއިން ބޭރަށް ދާން ގޮސް ހުއްޓައި ހައްޔަރުކުރެވިފައިވާ ކަމަށް އައިއޯ ބުނެފައިވެއެވެ.

އަންވަރުގެ ފަރާތުން ދިފާއުގައި ބުނީ، އޭނާ މަސައްކަތް ކުރީ ރާއްޖެއިން ފިލައިގެން ދާން ނޫން ކަމަށާއި ރާއްޖެއިން ބޭރަށް ދާން އުޅުނީ ދަރިފުޅު ޑޮކްޓަރަށް ދެއްކުމަށް ކަމަށެވެ. އަދި ފުލުހަށް ހާޒިރުވުމަށް އަންގައި ފޮނުވި ޗިޓާ އޭނާ ހަވާލުވެފައިނުވާ ކަމަށާއި ޗިޓާ ހަވާލުވީ އޭނާގެ ކޮއްކޮ ކަމަށް ވެސް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިސްޢާފް ސަލީމް

    މި ޖަރީމާގައި ޗެނަލް 13 ރޯލެއްކުޅުނުކަމަށް ބެލެވޭ! މައްސަލަ ބަލަންފެށީމާ އެންމެ ތުރުތުރުލާ ބަޔަކަށް 13 ގެ ބާޣީން ވެފައިވޭ!

    5
    1
  2. ކޮއްކޮ

    އަންވަރު މުޙައްމަދަކީ ފަރުޙަތު މުޙައްމަދުގެ އެއްބަފާ ކޮއްކޮއެކޯ. އަންވަރު މުޙައްމަދާ އެއްބަނޑު އެއްބަފާ އަދި ފަރުޙަތު މުޙައްމަދާ އެއްބަފާ އައިމަން މުޙައްމަދު ވެސް މި އިންތިޚާބުގައި ފަރުޙަތާ ވާދަކުރި. ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައިވެސް ފަރުޙަތާއި އައިމަން ވާދަކުރި. ޕްރައިމަރީން ފަރުޙަތު ހޮވުނީމައި އަމިއްލަގޮތުން އައިމަން އިންތިޚާބުގައި ވާދަކުރީ. ސަރުކާރުން ތާއީދުކުރަނީ ތިމަންނާއަށޭ ކިޔައިގެންވެސް އައިމަން އުޅުނު.