މެކްސިކޯގައި މީގެ ހަފްތާއެއް ކުރިން ފެށިގެން ގެއްލިގެން ހޯދަމުންދިޔަ ތިން ފަތުރުވެރިން މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

އޮފިޝަލުންނާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން މަރުވެފައި އޮއްވާ ފެނުނު ތިން މީހުންނަކީ އެގައުމަށް ޒިޔާރަތްކުރި އޮސްޓްރޭލިއަށް ނިސްބަތްވާ ދެ ފަތުރުވެރިއަކާއި އެމެރިކާ ފަތުރުވެރިއެކެވެ.

އޮފިޝަލުން ވަނީ އެމީހުން ފެނުނު ސަރަހައްދާ 65 ކިލޯމީޓަރު ދުރުން އެ މީހުން ދުއްވި ކަމަށް ތަހުގީގަށް ހާމަވެފައިވާ ޓްރަކެއްވެސް ފެނިފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް އެޓްރަކް ވަނީ އަލިފާން ރޯވެ އަނދައިފައެވެ.

އަދި އެމީހުން ފެނުނު ސަރަހައްދުން ޓެންޓެއްގެ އިތުރުން މޯބައިލް ފޯނާއި ބައެއް އަންނައުނުވެސް ވަނީ ފެނިފައެވެ.

އެމީހުންގެ ހަށިގަނޑާއި ހަވާލުވުމަށް އާއިލާއިން މިހާރު މެކްސިކޯއަށް ދަތުރުކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނާއިރު، އެ މައްސަލަ މެކްސިކޯގެ ފުލުހުން ތަހުޤީގު ކުރަމުން އަންނަ ކަމަށް ވެއެވެ. އަދި އެ މައްސަލައާ ގުޅުން ހުރި އެކަކު ހައްޔަރުކޮށް، ސުވާލުކުރަމުން އަންނަ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މަރުވެފައި އޮތްވާ ފެނުނު މީހުންނަކީ ޖޭކް ރޮބިންސަން، ކެލަމް ރޮބިންސަން އަދި ޖެކް ކާޓާ ރޯޑްއެވެ. މި މީހުންނަކީ އެންސެނާޑާ ސިޓީ ކައިރީގައި އޮންނަ ބަޖާ ކެލިފޯނިއާގައި ރާޅާއެޅުމާއި ކޭމްޕިންގގައި އުޅުނު ތިން މީހުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމީހުން ގެއްލިފައިވަނީ މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހުގައެވެ. އެމީހުން ގެއްލުނުތާ އިއްޔެއަށް ހަފްތާއެއް ވެގެން ދިޔައިރު ޖޭކް އާއި ކެލަމްގެ މަންމަ ޑެބްރާ ރޮބިންސަން ވަނީ މިދިޔަ ބުދަ ދުވަހު އޭނާގެ ދަރިން ވީނުވީއެއް ނޭގި ގެއްލިފައިވާ ކަމަށް ފޭސްބުކް ޕޯސްޓެއް ޖަހާފައެވެ. އެ ޕޯސްޓުގައި ބުނެފައިވަނީ އޭނާގެ ދަރިފުޅު ކެލަމް ރޮބިންސަނަކީ ހަކުރު ބަލީގެ މީހެއް ކަމަށާއި ދެ ދަރިންވެސް ޖެކް ކާޓާއެކީގައި އުޅޭ ކަމަށެވެ. 3 މީހުން ތިބުމަށް ހަމަޖެހިފައިވާ ރޮސާރިޓޯ ސިޓީގެ އެއާބީއެންބީ އަށް އެމީހުން ގޮސްފައިނުވާތީ އެ ހިސާބުން އެމީހުން ހޯދުމުގެ މަސައްކަތް ވަނީ ފެށިފައެވެ.

އެންސެނާޑާ މުނިސިޕަލްޓީގެ ތަރުޖަމާނަކު އޭގެ ފަހުން ވިދާޅުވީ އަނެއް ތިން މީހުން ފެނުނު ތަނުން ހަތަރު ވަނަ ހަށިގަނޑެއް ފެނިފައިވާ ކަމަށާއި އެއީ ވެސް މިހާތަނަށް ނޭނގޭ މީހެއް ކަމަށެވެ. އަދި މަރުވި މީހާއާ ދެމެދު އޮތް ގުޅުންތައް އަދި ނޭނގޭ ކަމަށް ވަނީ ވިދާޅުވެފައެވެ.