އަންނަ މަހުގެ 15 ވަނަ ދުވަހު ޖަރުމަނުގައި ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ކްރޮއޭޝިއާއަކީ މިފަހަރުގެ މުބާރާތުގައި ވެސް މޮޅު ކުޅުމެއް ދައްކާނެ ޓީމެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލު ކުރެއެވެ. މިފަހަރުގެ މުބާރާތަށް ކްރޮއޭޝިއާ އިންވެސް ނިކުންނާނީ މުބާރާތް ކާމިޔާބު ކުރުމުގެ އުންމީދުގައިކަން ކަށަވަރެވެ.

ނަވާރަ ސަތޭކަ ފަސްދޮޅަސް ވަނަ އަހަރުން ފެށިގެން ކޮންމެ ހަތަރު އަހަރަކުން ބާއްވަމުން އަންނަ ޔޫރަޕްގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމުގައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތަކީ އެއްގޮތަކަށް ވުރެ ގިނަ ގޮތް ގޮތުން ފާހަގަކޮށްލެވޭ މުބާރާތެކެވެ. މި މުބާރާތް ޔޫރަޕުގައި ކުޅުނު ނަމަވެސް މި މުބާރާތުގެ ފޯރި ދިވެހިންގެ ތެރޭގައި ވެސް ވަކި ކުޑައެއް ނޫނެވެ. މި މުބާރާތަށް ޖަގަހަތައް ހެދުމާއި ސަޕޯޓު ކުރާ ޓީމުގެ ދިދަ ގަނެ މިހާރުވެސް މި މުބާރާތަށް ދިވެހިންގެ ތެރޭގައި ދަނީ ތައްޔާރުވަމުންނެވެ.

ކްރޮއޭޝިއާ

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ކްރޮއޭޝިއާ ޓީމަށް ބަލާއިރު އެ ޓީމު 2000 ވަނަ އަހަރު ބެލްޖިއަމް އާއި ނެދަލެންޑްސް ގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތް ފިޔަވާ ހުރިހާ ޔޫރޯ ފުޓްބޯޅަ މުބާރާތަކަށްވެސް އެ ޓީމު ވަނީ ކޮލިފައިވެފައެވެ. 1960 އިން ފެށިގެން 1992 ވަނަ އަހަރާއި ޖެހެންދެން ކްރޮއޭޝިއާ ކުޅެމުން އައީ ޔޫގޮސްލޭވިއާގެ ބައެއްގެ ގޮތުގައެވެ. ނަމަވެސް 1996 ވަނަ އަހަރު އިނގިރޭސިވިލާތުގައި ކުޅުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކްރޮއޭޝިއާއިން ނިކުތީ ޔޫގޮސްލޭވިއާ އާއި ވަކިންނެވެ. އެފަހަރުގެ މުބާރާތުގައި ކްރޮއޭޝިއާ މުބާރާތުން ކަޓައިގެން ދިޔައީ މުބާރާތުގެ ކުއާޓަރ ފައިނަލުންނެވެ.

ޖެހިގެން އައި ފަހަރު 2000 ވަނަ އަހަރު ކްރޮއޭޝިއާ ޓީމުން ޔޫރޯ އަށް ކޮލިފައިވެފައި ނުވާއިރު، 2004 ވަނަ އަހަރު ޕޯޗުގަލްގައި ޔޫރޯ މުބާރާތް ކުޅުނު ފަހަރު އެ ޓީމު މުބާރާތާ އަލްވަދާއު ކިޔާފައިވަނީ ގްރޫޕް ސްޓޭޖުންނެވެ. އަދި 2008 ވަނަ އަހަރުގެ ޔޫރޯ ފުޓް ބޯޅަ މުބާރާތުގެ ކުއާޓަރ ފައިނަލްގައި ކްރޮއޭޝިއާ ކުޅެފައިވާއިރު 2012 ވަނަ އަހަރުގެ ކުބާރާތް އެ ޓީމަށް ނިމުނީ މުބާރާތުގެ ގްރޫޕް ސްޓޭޖުންނެވެ. އަދި އެންމެ ފަހުން 2020 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ ސޯޅަ ޓީމުގެ ބުރުގައި ކްރޮއޭޝިއާ އިން ވަނީ ކުޅެފައެވެ.

ކްރޮއޭޝިއާގެ ޓީމު ޔޫރޯގައި މާބޮޑު ކާމިޔާބީތަކެއް ހޯދިފައި ނެތް ނަމަވެސް އެ ޓީމުން ދަނީ މިފަހަރުގެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކާ މުބާރާތް ކާމިޔާބުކުރުމަށް މަސައްކަތް ކުރަމުންނެވެ. ދުނިޔޭގެ ބޮޑެތި ލީގުތަކުގައި ކުޅޭ ކުޅުންތެރި ގިނަ މި ޓީމަށް ސަޕޯޓު ކުރާ ދިވެހިންވެސް ވަކި މަދެއް ނޫނެވެ.

ކްރޮއޭޝިއާ

ޒްލެޓްކޯ ޑެލިކް ގެ ކޯޗުކަމުގައި މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ނިކުންނަ ކްރޮއޭޝިއާގެ 35 ކުޅުންތެރިންގެ ސްކޮޑް މިހާރު ވަނީ އިއުލާން ކޮށްފައެވެ. ނަމަވެސް އަންނަ މަހުގެ 7 ވަނަ ދުވަހުގެ ކުރިން ކްރޮއޭޝިއާއިން 26 ކުޅުންތެރިންގެ ފައިނަލް ސްކޮޑެއް އެކުލަވާލަން ޖެހޭނެއެވެ.

މިފަހަރުގެ ޔޫރޯ އަށް ކްރޮއޭޝިއާއިން އެކުލަވާލި 35 ކުޅުންތެރިންގެ ސްކޮޑަށް ބަލާލާއިރު އެ ޓީމުން 2022 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ސެމީ ފައިނަލަށް ދަތުރު ކުރިއިރުގެ ކުޅުންތެރިން އެ ޓީމުގައި ގިނައެވެ. މިގޮތުން އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަ ކޮށްލެވެނީ ރެއާލް މެޑްރިޑްގެ މެދު ތެރޭގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ލޫކާ މޮޑްރިޗްއެވެ. އަދި މޮޑްރިޗްގެ އިތުރުން މަތިއޯ ކޮވަސިޗް އާއި މާޗެލޯ ބްރޮޒޮވިޗްގެ އިތުރުން މެންޗެސްޓާ ސިޓީގެ ފަހަތުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ޖޮސްކޯ ގާޑިއޯލް ފާހަގަކޮށްލެވެއެވެ.

ޖަރުމަނުގައި އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ކްރޮއޭޝިއާ ޓިމު އޮތީ ގްރޫޕް ބީ ގައެވެ. މި ގްރޫޕުގައި ކްރޮއޭޝިއާ އާއެކު ދެން އޮތީ ސްޕެއިން އާއި އިޓަލީގެ އިތުރުން އަލްބޭނިއާއެވެ.

މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކްރޮއޭޝިއާ އެ ޓީމުގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ 15 ވަނަ ދުވަހު ނިކުންނާނީ ސްޕެއިންއާ ދެކޮޅަށެވެ. އަދި ދެވަނަ މެޗު އަންނަ މަހުގެ 19 ވަނަ ދުވަހު އަލްބޭނިއާއާ ދެކޮޅަށް ކުޅޭއިރު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އަންނަ މަހުގެ 25 ވަނަ ދުވަހު ކްރޮއޭޝިއާ ނިކުންނާނީ އިޓަލީއާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު