ތަފާތު ބޮޑެތި ކުށްތަކެއް ހިންގައި އެކަމަށް ހިތްވަރު ދިނުމަށް އުފައްފައިވާ ޓެލްގްރާމް ގްރޫޕުގެ މައްސަލައިގައި ހައްޔަރު ކުރި އަންހެން މީހާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން ހިންގި ޙާއްސަ އޮޕަރޭޝަނެއްގައި "ޖަޒީރާ އެޑްމިން"، "ޖަޒީރާ ގާލްސް"، "ޖަޒީރާ އެސްކޯޓް ގެލެރީ"، "ޖަޒީރާ ސްކޭމް އެލާޓް" އަދި "ޖަޒީރާ ލިންކް" ނަމުގައި ހަދާފައިވާ ގިނަ އަދަދެއްގެ ޓެލްގްރާމް ގްރޫޕްތަކެއް ވަނީ ހޯދާފައެވެ. މި މައްސަލައާއި ގުޅިގެން މިއަހަރުގެ މާޗް މަހުގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 28 އަހަރާއި 39 އަހަރުގެ ދެމަފިރިންނެވެ.

އެ މީހުންގެ އިތުރުން ވެސް އެކަމުގައި އެމީހުންނަށް އެހީތެރިކަން ދިން 60 އަހަރުގެ ޓެކްސީ ޑްރައިވަރަކު ވެސް މިދިޔަ މަހުގެ 30 ވަނަ ދުވަހު ވަނީ ހައްޔަރު ކޮށްފައެވެ.

މިމައްސަލައާއި ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރެއިން އަންހެން މީހާގެ ބަންދުގެ މުއްދަތު ހަމަވާތީ މިއަދު ކޯޓަށް ހާޒިރު ކުރުމުން ފުލުހުން ވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް އެދިފައެވެ. ފުލުހުން އެގޮތަށް އެދުމުން އަންހެން މީހާ ވަނީ އޭނާއަކީ ވަޒީފާއެއްގައި އުޅޭ މީހަކަށްވާތީ އަވަހަށް ތަހުގީގު ނިންމަ ދޭން އެދިފައެވެ.

އޭނާ އެހެން އެދުނު ނަމަވެސް ގާޒީ ވަނީ އޭނާގެ ބަންދަށް އިތުރު 15 ދުވަސް ޖަހާދީފައެވެ.

މިމައްސަލައިގައި ހައްޔަރު ކުރި އޭނާގެ ފިރިމީހާ އަދިވެސް ހުރީ ފުލުހުންގެ ބަންދުގައެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ މައްޗަށް މަނީ ލޯންޑްރިން އާއި ޑްރަގް ޓްރެފިކިން އާއި ހަށިވިއްކުމާއި ހަށި ވިއްކުމަށް ހިތްވަރު ދިނުމާއި އޮރިޔާން ކާޑު އުފެއްދުމާއި އޮރިޔާން ކާޑު ބެހުމުގެ ކުށަށް ތުހުމަތުކުރެވޭ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.