ފަސް އިންސައްތައިގެ ލަދަކުން ސަލާމަތްވުމަށް އެހެން ވިސްނުމަކަށް ދާނެކަމަށް ވިދާޅުވެ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފާޑު ވިދާޅުވެއްޖެއެވެ.

މަލީީހް ރައީސް ސޯލިހަށް ފާޑު ވިދާޅުވެފައި ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާކަން ހާމަކުރެއްވުމާއި ގުޅިގެންނެވެ. މަލީހް ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ޖުމްހޫރީ ޕާޓީއިން ވާދަކުރަން އިޢުލާންކުރުމާއި އެކު ރައީސް ސޯލިހްގެ ރިޔާސީ ދެވަނަ ދައުރުގެ ޓިކެޓް ވަރަށް ބަލިކަށިވާނެ ކަމަށެވެ.

"ބޮޑަށް ބެލެވެނީ %5 ގެ ލަދަކުން ސަލާމަތްވުމަށް ދެވަނަ ވިސްނުމަކާއި ދިމާލަަށް ދިއުން. 2023 މާތްﷲގެ ވާގިފުޅާއި އެކު ކާމިޔާބުކުރާނީ ރައީސް ޔާމީން." މިހާރު ރައީސް ޔާމީނަށް ތާއިދުކުރައްވާ މަލީހް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީން ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމާފައެވެ. ނަމަވެސް އަދި ވާދަކުރައްވާ ކެނޑިޑޭޓަކު ނުނިންމައެވެ. ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވަނީ ޖުމްހޫރީ ޕާޓީން ވާދަކުރައްވާ ކެނޑިޑޭޓަކު ހޮއްވެވުމަށް ޕްރައިމެރީ ބޭއްވުމަށް ނިންމަވާފައިވާކަން އިއުލާންކުރައްވާފައެވެ.

އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަން ދާދި ފަހުން ރައީސް ސޯލިހާއި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވަނީ އިއުލާން ކުރައްވައިފައެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީން ބުނަމުން އަންނަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ނުކުންނަވާނެ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ދެން ވާދަކުރައްވާނެ ކަން މިހާތަނަށް އިއުލާން ކުރައްވާފައި ވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ޑީއާރުޕީގެ ލީޑަރު އަދި މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ. އަދި އިންތިހާބަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ވެސް ވަނީ ފާޅުކުރައްވާފައެވެ.