ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އުދަ އަރާފާނެ ކަމަށް ލަފާކޮށް، މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ވަނީ މި ދުވަސްވަރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވިއްސާރާ ކުރާނެ ކަމަށް ބުނެފައެވެ.

މެޓް އޮފީހުން މިއަދު މެންދުރު ފަހު ނެރުނު ސަމާލުގައި ބުނެފައި ވަނީ، މެދު ރާއްޖެ ތެރޭގެ އަތޮޅުތަކުން ފެށިގެން ދެކުނުގެ އަތޮޅުތަކަށް އުދަ އަރާފަނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މި ސަމާލުގެ މުއްދަތު ހަަމަވާނީ މިއަދު އިރުއޮއްސި 6:00 އަށެވެ.

މިއަދުގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނެފައި ވަނީ، އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

އަދި ވައިޖެހޭނެ ކަމަށް ލަފާ ކުރެވެނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދު ބާރުމިނުގައި ކަމަށް ބުނެފައިވާއިރު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައުުގަދަވުން އެކަށީގެންވާ ކަމަށް ބުނެފައި ވެއެވެ.

އަދި ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު، ރާޅުގެ އުސްމިން 4-7 ފޫޓަށް އަރާނެ ކަމަށް ބުނެފައި ވެއެވެ.