ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރެ ވެހޭނެ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާ ކޮށްފިއެެވެ.

މިއަދުގެ ހަވީރުގެ ނިޔަލަށް މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނީ، ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެން ވާ ކަމަށްވެސް ބުނެފައި ވެއެވެ.

އަދި އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަަމަށްވެސް ލަފާ ކޮށްފައި ވެއެވެ.

މީގެ އިތުރުން ރާޅުގެ އުސްމިން 5-7 ފޫޓަށް އަރާނެ ކަމަށް ލަފާކޮށްފައިވާއިރު، ދިޔަވަރު ބޮޑުގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެން ވާތީ މޫސުމަށް ސަމާލުވުމަށް ވަނީ އެދިފައެވެ.

މެޓް އޮފީހުން ވަނީ މިއަދު ހެނދުނު 10:00 އާ ހަމައަށް ހުދު ސަމާލުވެސް ނެރެފައެވެ. އެ ސަމާލުގައި ބުނެފައި ވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް ބުނެފައި ވެއެވެ.

މި ސަމާލު ނެރެފައި ވަނީ ދ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ.