މިހާރު ރާއްޖޭގެ އެކި ރަށްތަކަށް އުދައަރަމުންދާއިރު، ގދ. މަޑަވެލީގެ ހަތަރު ބައިކުޅަ ތިން ބަޔަށް ލޮނު އަރާފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ރާއްޖޭގެ ބައެއް ރަށްތަކަށް އުދަ އަރާނެ ކަމަށް ލަފާކޮށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ހުދު ސަމާލު ނެރެފައެވެ.

މަޑަވެލީ ކައުންސިލް ރައީސް ފިޔާޒް ހުސައިން "ވަގުތު" އަށް ވިދާޅުވީ، އެރަށުގެ ހަތަރު ބައިކުޅަ ތިން ބަޔަށް ލޮނު އަރާފައިވާ ކަމަށެވެ.

އަދި އެރަށުގައި ތަރައްގީކޮށްފައިވާ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން 22 ހައުސިންގ ޔުނިޓަކަށް ވަރަށް ބޮޑަށް ފެންވަދެފައިވާ ކަަމަށް ފިޔާޒް ވިދާޅުވިއެވެ.

އަދި ރަށުގައި ހިންގާ ފަސް ފިހާރައިގެ ތެރެއިން ތިން ފިހާރައަކަށްވެސް ލޮނު ވަދެ ގެއްލުންވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން، އެރަށުގެ 43 ގެއަކަށް ލޮނު އަރާފައިވާ ކަމަށާއި، މިހާރު ރަށުގެ ރައްޔިތުންނާއި، ކައުންސިލުން ނުކުމެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން ދަނީ އިންޖީނުގެއަށް ފެން ވަދެ ނުދިނުމަށްޓަކައި. އިންޖީނުގެ ގެއަށް ހިމާޔަތް ކުރުމުގައި މި އުޅެނީ. އިންޖީނުގެ މި ހުންނަނީ އުދަ އަރާތާ 300 ފޫޓް ކައިރީގައި". އޭނާ ވިދާޅުވިއެވެ.

އޭނާ ވަނީ އެރަށަށް އުދަ އަރަމުންދާތީ ކަމާއި ގުޅުން ހުރި އިދާރާތަކުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ސިފައިންނާއި ފުލުހުންގެ އެހީތެރިކަމަށް އެދިފައިވާ ކަމަށް ވިދާޅުވިއެވެ.