ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވިދާޅުވެއްޖެއެެވެ.

މީގެ ހަފްތާއެއް ކުރިންވެސް ރާއްޖޭގެ ބައެއް ރަށްތަކަށް އުދަ އެރިއެވެ. އަދި މާލެ ސަރަހައްދަށް އެރި އުދައިގެ ސަބަބުން ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއްވެސް ލިބުނެވެ.

ރާއްޖޭގެ ބައެއް ހިސާބުތަކަށް އެއިރު ރާޅު ބާނީގެ އުސްމިން 6-8 ފޫޓާއި ދެމެދު އުފުލިގެން ދިއުމުން ކަމަށް މެޓް އޮފީހުން ވިދާޅުވެފައި ވެއެވެ.

މިއަދުގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ މޫސުން އާއްމު ގޮތެއްގައި ރަނގަޅުވާނެ ކަމަށެވެ. އަދި ވައި ޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް ލަފާ ކޮށްފައި ވެއެވެ.

ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށްވެސް ލަފާކޮށްފައި ވެއެވެ. އަދި ރާޅުގެ އުސްމިން 2-5 ފޫޓަށް އުފުލޭނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

"ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވޭ.". މެޓް އޮފީހުގެ ސަމާލުގައި ބުނެފައި ވެއެވެ.