އެކުވެނި ޓްރެކް ސަރަހައްދުގައި ކާރެއް، އެހެން ކާރެއްގައި ޖެހި ކޮންޓްރޯލް ނުވެ ގޮސް ބަހެއްގައި ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ޒަހަމްވެ އައިޖީއެމްއެޗްގެ އައިސީޔޫގައި އެންމެ ފަހުން ފަރުވާ ދެމުންގެންދިޔަ މީހާ ވެސް ވޯޑަށް ނެރެެފި އެވެ.

މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު ހިނގި އެކްސިޑެންޓްގައި އަންހެނަކު ނިޔާވިއެވެ. އަދި ތިން އަންހެނަކާއި ދެ ފިރިހެނުންނަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ.

އޭގެ ތެރެއިން އައިސީޔޫގައި ވަރަށް ފަހަކާ ޖެހެންދެން ދެ މީހަކަށް އައިސީޔޫގައި ފަރުވާ ދިނެވެ. އަދ އޭގެ ތެރެއިން އެކަކު ރާއްޖެއިން ބޭރަށް ގެންދިޔަ އެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވީ އެންމެ ފަހުން އައިސީޔޫގައި އޮތް މީހާ ވެސް މިހާރު ވޯޑަށް ބަދަލުކޮށްފައިވާ ކަމަށެވެ. ނަމަަވެސް އޭނާ ވޯޑަށް ބަދަލުކުރި ތާރީހެއް އޭނާ ނުބުނެ އެވެ.

އަދި ކުރިން ވޯޑުގައި ފަރުވާ ދިން މީހުންގެ ހާލަތާ ގުޅޭ ގޮތުން ވެސް ވަކި އެއްޗެއް ނުބުނެ އެވެ.

ފުލުހުން ކުރިން ވިދާޅުވީ، އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ އެކުވެނި ދަނޑު ކައިރި ބޭރުން ދުއްވާފައި ދިޔަ ކާރެއް އެހެން ކާރެއްގައި ޖެހި ކޮންޓްރޯލް ނުވެ ގޮސް، އެ މަގުން ދުއްވާފައި ދިޔަ ބަހެއްގައި ޖެހިގެން ކަމަށެވެ.

މިއެކްސިޑެންޓްގެ ސަބަބުން ކާރު ވަނީ ބޭނުން ނުކުރެވޭ ވަރަށް ފުނޑުފުނޑު ވެފައެވެ. ކާރުގެ އެތެރޭގައި ތިބި މީހުން ކާރުން ނެރެން ޖެހުނީ ވެސް ކާރުގެ ދޮރު ކީހާލައިގެންނެވެ. އެކްސިޑެންޓްގައި ބަހަށް ވެސް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައެވެ. ނަމަވެސް ފުރަތަމަ އެކްސިޑެންޓްގެ ދެކާރުގެ ތެރެއިން ދެވަނަ ކާރަށް މާބޮޑު ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލީ

    ދެން އަނެއްކާވެސް ކާރަކަށް އަރައިގެން މޮޔަވާންވީކީ ނޫން