ސީދާ، ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމްގެ ސަމާލުކަމަށް ގެންނަން ޖެހޭ މައްސަލައެއް އޮތްނަމަ ފޮނުއްވުމަށް ހާއްސަ އީމެއިލެއް ޕިޖީ އޮފީހުން ގާއިމްކޮށްފިއެވެ.

މިއަދު ޕީޖީ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ޕީޖީ އޮފީހުގެ މަސައްކަތްތަކާއި ގުޅޭ ގޮތުން ނުވަތަ، ގާނޫނު އަސާސީއާއި ގާނޫނުން ޕްރޮސެކިއުޓާ ޖެނެރަލަށް މަތިކޮށްފައިވާ ޒިންމާތަކާއި ގުޅިގެން ސީދާ ޕީޖީގެ ސަމާލުކަމަށް ގެންނަން ބޭނުންވާ ކަމެއް އޮތްނަމަ [email protected] އަށް މިއަދުން ފެށިގެން އީމެއިލް ކުރެވޭނެ ކަމަށެވެ.

މިގޮތަށް ފޮނުވޭ އީމެއިލްތަކުގެ ތެރެއިން ޕީޖީގެ ޖަވާބެއް ބޭނުންވާ ކަންކަމަށް ސީދާ ޕީޖީ ޝަމީމް ޖަވާބު ދެއްވާނެއެވެ. އަދި، ސީދާ ޖަވާބެއް ނުދެއްވި ނަމަވެސް ހިއްސާ ކުރެވޭ ކަންކަމަށް ރިއާޔަތް ކުރާނެ ކަމަށް އެ ބަޔާނުގައި ވެއެވެ.

"އީމެއިލަށް ސީދާ ވަކި ޖަވާބެއް ނުދެއްވި ކަމުގައި ވިޔަސް މި އޮފީހުގެ މަސައްކަތްތައް ބައްޓަންކުރުމުގައި، މި އީމެއިލް މެދުވެރިކޮށް ހިއްސާ ކުރެވޭ ކަންކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ރިއާޔަތް ކުރައްވާނެ" ބަޔާނުގައި ވެއެވެ.

މިފަދަ ނިޒާމެއް ގާއިމްކޮށްފައިވަނީ ޖިނާއީ އަދުލުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އާންމުންގެ ހިޔާލާއި މަޝްވަރާ އިތުރުކުރުމަށް ޕިޖީ ނެންގެވި އިސްނެންގެވުމެއްގެ ތެރެއިން ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.