ބަނގުރާ ބުއިކަމަށް ޝަރީއަތުގާ އިއުތިރާފުވީ މީހަކު ނުވަ ދުވަހަށް ޖަލަށްލާ، 40 އެތި ފަހަރުން ޖަލްދު ކުރަން (ހައްދު ޖަހަން) ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައަކީ ދައުލަތުގެ ފަރާތުން ތ. ކިނބިދޫ ދީފުރަމްގެ، ޔޫނުސް ރަޝާދުގެ މައްޗަށް އުފުލާފައިވާ ދައުވާއެކެވެ.

މިގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މާލޭ ކަސްޓޯޑިއަލްއާ ދިމާލު ފަޅުގާ އަޅާފައި އޮތް ޑިންގީ އަކުން ބަނގުރާ އެތެރެކޮށް، އެތަކެތީގެ ވިޔަފާރިކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެ ސަރަހައްދަށް ދިއުމުން ޔޫނުސް ރަޝާދު ވަނީ ބަނގުރާ ބޯ ކަމަށް އިއުތިރާފުވެފައެވެ.

އެ މައްސަލައިގާ ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވަނީ ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާއެވެ.

މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި އޭނާ ވަނީ ކުށަށް އިއުތިރާފުވެފައެވެ. އެހެންވެ، ކްރިމިނަލް ކޯޓުން ވަނީ އެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅާފައެވެ.

އެ މައްސަލައިގާ މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމުގާ ބުނެފައިވަނީ ކުށުގެ އުގޫބާތެއްގެ ގޮތުން އޭނާ ނުވަ ދުވަހަށް ޖަލުގައި ބަންދުކޮށް، 40 އެތި ފަހަރުން ޖަލްދު ކުރާށެވެ.

''ޖަލްދުކުރުން'' ކަމަށް ޤާނޫނުލްޢުޤޫބާތުގައި ބުނެފައިވަނީ ހަށިގަނޑަށް ނުރައްކާތެރި އަނިޔާ ނުލިބޭނޭ ގޮތެއްގެ މަތިން އަދަބެއް ރަމްޒުކޮށްދިނުމުގެ ގޮތުން ހަންމުށިން ނުވަތަ ދުއްރައިން މީހެއްގެ ގައިގާ ތަޅާ ތެޅުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަބީބަ

    އިސްލާމީ ރިވެތި ޝަރީއަތް ގާއިމް ކުރާށެވެ. ކުށްތައް މަދުވާން ފަށާނެއެވެ.

  2. ކެރޭނެތަ

    ޙައްދުޖަހަން ކެރޭނެބާ