މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި މީހަކު ހައްޔަރުކޮށްފައި ވަނީ ގާނޫނީ އިންޒާރު ނުދީކަމަށް ބުނެ ކްރިމިނަލް ކޯޓުން ފުލުހުންގެ ބަންދުގައި ހުރި މީހާ ދޫކޮށްލި ނަމަވެސް އެއީ އެކަން ހިނގި ގޮތް ނޫން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އއ. ބޮޑުފުޅަދޫ އާދަމް އިރުޝާދު ނަމަކަށް ކިޔާ މީހަކު އިއްޔެ ބަންދުން ދޫކޮށްލި އިރު ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވިދާޅުވެފައި ވަނީ އޭނާ ދޫކޮށްލާފައި ވަނީ އޭނާ ހައްޔަރުކުރި އިރު ގާނޫނީ އިންޒާރު ދީފައި ނުވާތީ ކަމަށް ތުހުމަތު ކުރެވޭ ފަރާތުން ކޯޓުގައި ބުނެފައިވާކަމަށާއި، އަދި އެފަދަ އަމުރެއް ދިން ކަމެއް ސާބިތުވާން ނެތް ކަމަށެވެ.

އޭނާ ހައްޔަރު ކުރެވިފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ އެއްގޮތަށް ނޫންކަމަށް އެ އަމުރުގައި ވަނީ ބަޔާންކޮށްފައެވެ.

މި މައްސަަލަ އާއި ގުޅިގެން ފުލުހުން ވިދާޅުވެފައި ވަނީ، ގާނޫނީ ލިއުން ކޯޓަށް ހުށަހެޅިފައި ނުވަނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ. އެހެން ނަމަވެސް އަލުން ލިއުން ހުށަހެޅުމުގެ ފުރުސަތަށް އެދުމުން ކޯޓުން އެފުރުސަތު ދީފައި ނުވާކަމަށެވެ.

ގާނޫނީ އިންޒާރަކީ ކުށުގެ ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތަކާއި އޭނާގެ މައްޗަށް ދައުވާ އުފުލާނަމަ ދައުވާ އުފުލުމުގެ ފުރުސަތު އޮތް ގާނޫނުގެ މާއްދާތައް ކިޔައިދޭ ކިޔައިދިނުމަށް ގާނޫނުގައި ދީފައި އޮންނަ ނަމެވެ.

އިޖުރާއީ މައްސަލަތަކުގައި ކުށްވެރިން ދުކުރަން ޖެހޭ މައްސަލައަށް ހައްލެއް ނައުމަކީ އާއްމުންގެ ވަރަށް ބޮޑު ޝަކުވާއެކެވެ. ބޮޑެތި މައްސަލަތަކުގައި ދައުލަތުން ދައުވާ އުފުލާއިރު ވެސް ފުލުހުން ތަހްގީގުގައި އިޖުރާއީ ގޯހެއް ހަދާފައި އޮތުމުން ކުށްވެރިން ސަލާމަތްވުމުގެ މައްސަލަތައް ވަރަށް ގިނައިން ކުރިމަތިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަދީބެ

    ގާނޫނީ އިންޒާރުގެ ލިޔުން ހުށަހެޅިފަ ނުވުން އެއީ ތުހުމަތު ކުރެވޭ މީހާ ކުށުން ބަރީއަވާ ކަމެއްތޯ؟ އިޖުރާއީ ނުކުތާތަކާމެދު ފަނޑިޔާރުން އެބަޖެހޭ ތަންކޮޅެއް ބޮޑަށް ވިސްނާލަން. ކޮންމެ އިޖުރާއީ ނުކުތާއަކީ މުޅި މައްސަލަ ބާތިލުވެ މީހާ ދޫކޮށްލަން ޖެހޭވަރުގެ އިޒުރާއަތެއްތޯ ސްޕްރީމް ކޯޓުން އެބަޖެހޭ ގޮތެއް ކަނޑައަޅައިދޭން. މިމައްސަލަ މިހާރު އާންމުވެ ބޮޑެތި ޖަރީމާތަކުން މީހުން ސަލާމަތްވަމުންދާއިރު ސްޕްރީމްކޯޓު ނިދާފައޮތުން ބަލައެއް ނުގަނެވޭ.

  2. ހިރަސް

    ފުލުހުން ކޯޓުގެ ހުރުމަތް ކެނޑިކަމަކަށް ނުވޭތޯ؟ ވަގުތު ނޫހުން ބަލާދީބަލަ މިކަން އޮތްގޮތެއް