ރާއްޖޭގެ ރަށްތައް ގުޅުވާލަދޭ ދަތުރުފަތުރުގެ ނިޒާމް "އިންޓަގްރޭޓެޑް ނެޝެނަލް ޕަބްލިކް ފެރީ ނެޓްވޯކް" ގެ ދަށުން ފެށި "ރާއްޖެ ޓްރާންސްޕޯޓް ލިންކް" (އާރުޓީއެލް)ގެ ފެރީގައި ށ. އަތޮޅަށް 600 އަށްވުރެ ގިނަ މީހުން ދަތުރު ކޮށްފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ އާރްޓީއެލް ހައި ސްޕީޓް ފެރީ މެދުވެރިކޮށް ވޭތުވެދިޔަ ހަތަރު ދުވަހު 646 ފަސިންޖަރުން ށ. އަތޮޅުގެ ހަތް ރޫޓަކުން ދަތުރުކޮށްފައިވާ ކަމަށެވެ.

އަދި ރާއްޖެ ޓްރާންސްޕޯޓް ލިންކަށް އަހުލުވެރިކުރުމުގެ ދަތުރުތައް ށ. އަތޮޅުގައި ފަށައިގެން ޝެޑިއުލްއާއި އެއްގޮތަށް ކުރިއަށްދާކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

އާރްޓީއެލް ފެރީގެ ހިދުމަތް ރަސްމީކޮށް ޖޫން 12 ގައި ފެށިއިރު، ފުރަތަމަ ފެށީ ޒޯން 1 ގައި ހިމެނޭ އަތޮޅުތަކުގެ ތެރެއިން ހއ. އަތޮޅުންނެވެ. އޭގެ ފަހުން ހދ. އަތޮޅަށް ފެރީގެ ދަތުރުތައް ވަނީ ފަށައިފައެވެ. އެންމެ ފަހުން އެ ދަތުރުތައް ފަށާފައިވަނީ ށ. އަތޮޅަށެވެ.

މިހާރު ޒޯން އެކެއްގެ ހުރިހާ އަތޮޅަކަށް ހާއްސަ ފެރީތައް ނިންމާ، އެންމެ ފަހު އަތޮޅުގެ ދަތުރުތައް ފަށަން ތައްޔަރުވެފައިވާއިރު، ފޭސް އެކެއްގެ މަސައްކަތްތައް މި ވަނީ އެއްކޮށް ނިމިފައެވެ. އަދި ފޭސް ދޭއްގެ މަސައްކަތްތައް ފަށަން އެމްޓީސީސީން ވަނީ ތައްޔާރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އައްޑޫމީހާ

    ދަތުރުތަށް ބަހާފައި އޮންގޮތް ކަމަކު ނުދެއެވެ. އެއީ ށ.އަތޮޅުގެ ކުޅުދޫފުއްޓާ ކައިރި ރައްތަކުން މިޖެހެނޭ އެންމެ ފުރަތަމަވެސް ފެރީއަށް އަރައިގެން އެތަށް ރަށެއްގައި ޖެއްސުމަށްފަހު ށ. އަތޮޅު އެންމެ ދެކުނު ނޫނު އަތޮޅު ކައިރީގައިވާ ފުނަދުއަށް ދާށެވެ. ދެން ފުނަދޫން މިޖެހެނީ ކުޅުދޫފުއްޓަށް ދާށެވެ. މިހެން ވުމުގެ ސަބަބުން ދަތުރުކުރުން މިވަނީ ވޭނަކަށް ވެފަައެވެ. ކުޅޫފުށި ދަތުރަށް މި ނޫން އެހެން ގޮތެއް ވާން ޖެހޭނެކަމަށް ފެނެއެވެ.

  2. ހުރުމަތު

    ތިޔައީ މާލެއިން ށ. އަށް ށ އިން މާލެއަށް ދަތުރުކުރާ ފެރީތަކެއްތޯ؟ ނުވަތަ ށ. އަތޮޅު ތެރޭގައި އެއްރަށުން އަނެއްރަށަށް ދަތުރުކުރާ ފެރީތަކެއްތޯ؟ ޚަބަރު ކިޔާލީމަ ސާފު ނުވާތީވެ އަހާލީ. ތަންކޮޅެއް މަޢުލޫމާތު ސާފުވާގޮތަށް ޚަބަރު ލިޔެދެއްވުން ވަރަށް ބޮޑަށް އެދެން.