މޫސުން ގޯސް ވުމުން މޫސުމާއި ބެހޭ ގައުމީ އިދާރާ އިން މުޅި ރާއްޖެ އަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން އައްޑޫސިޓީއާއި ހަމައަށް މިއަދު ހަވީރު 18:00 އިން މިރޭ 00:00 އަށެވެ.

މެޓުން ބުނީ ހުދު ސަމާލު ނެރެފައިވާ ވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށެވެ. މީގެ އިތުރުން މިވަގުތުތަކުގައި ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓުން ވަނީ ބުނެފައެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްދުވަސްވަރެއްކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން މޫސުން ގޯސްވުމުގެ ސަބަބުން ބައެއް ރަށްތަކުގައި ފެންބޮޑުވުގެ ހާދިސާތައް ހިނގާފައިވާއިރު، ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާއި ބެހޭ އިދާރާތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.