ދަރިވަރަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި މި އަހަރުގެ ކުރީކޮޅު އައްޑޫސިޓީ، ހިތަދޫ ޝަރަފުއްދީން ސްކޫލުން ސަސްޕެންޑްކުރި އެތަނުގެ މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރަމުން ދިޔަ އައިމިނަތު ދީދީ (އާމިންދައްތަ) އަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ސާވިސް ކޮމިޝަނުން (ސީއެސްސީ) އިން އެޑިއުކޭޝަން މިނިސްޓްރީއަށް އަންގައިފިއެވެ.

ސީއެސްސީން އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީއަށް ފޮނުވި ސިޓީއެއްގައި ބުނީ، ސިވިލް ސާވިސް މުވައްޒަފެއް އޮފީހަށް ނުކުތުން މަނާ ކުރެވޭނީ ދިވެހި ސިވިލް ސާވިސްގެ ގަވައިދު 2014 ގެ ޗެޕްޓަރ 27 ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން، އެ ގަވައިދުގައި ބަޔާން ކުރާ އިޖުރާއަތުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

ސީއެސްސީން ބުނީ، ކޮމިޝަނުން ބެލިބެލުމުން އެނގުނު ގޮތުގައި އައިމިންދައްތަ ސަސްޕެންޑުކޮށްފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އެގޮތަށް އިރުޝާދު ދެއްވުމުން ކަމަށާއި އެހެންކަމުން އައިމިންދައްތަ) ސަސްޕެންޑުކޮށްފައި ވަނީ ސިވިލް ސާވިސް ގަވައިދާ ހިލާފަށް ކަމަށެވެ.

އެހެންކަމުން އައިމިންދައްތަ އަނބުރާ ވަޒީފާއަށް ނެރުމަށާއި ވަޒީފާއިން ސަސްޕެންޑް ކުރި މުއްދަތަށް ހައްގުވާ މުސާރަ އާއި އިނާޔަތްތައް ހަމަޖެއްސުމަށްފަހު މިދިޔަ އޮގަސްޓް މަހުގެ 21 ވަނަ ދުވަހުގެ 14:00ގެ ކުރިން އެކަން އެ ކޮމިޝަނަށް އަންގައިދިނުމަށް ސިވިލް ސާވިސް ކޮމިޝަނުގެ ސިޓީގައި އެދިފައިވެއެވެ.

ސީއެސްސީން މިފަދަ އެންގުމެއް އެޑިއުކޭޝަނަށް އެންގި ނަމަވެސް ޝަރަފުއްދީން ސްކޫލުން އާމިންދައްތައަށް ވަޒީފާ ދީފައި ނުވާ ކަމަށް އާމިންދައްތައަށް އިންސާފު ހޯދައި ދިނުމުގައި ހަރަކާތްތެރިވާ މީހަކު ވަނީ ބުނެފައެވެ.

އެގޮތުން އޭނާ ބުނީ، ސީއެސްސީން އެހާ ސާފުކޮށް އާމިންދައްތަގެ ވަޒީފާ އިއާދަ ކުރުމަށް ބުނުމުން ވެސް އެކަމަށް އެޑިއުކޭޝަން މިނިސްޓްރީ އާއި ޝަރަފުއްދީން ސްކޫލުން އިޖާބަ ދީފައި ނުވާ ކަމަށެވެ. އެހެންކަމުން އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޝަރަފުއްދީން ސްކޫލުގައި ކިޔާ އުމުރުން ހަތް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އާމިންދައްތަ ހައްޔަރު ކުރީ މިއަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހުއެވެ. އެމައްސަލައާއި ގުޅިގެން އާމިންދައްތަ ޝަރީއަތް ނިމެންދެން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ކުރިއެވެ.

މެޖިސްޓްރޭޓް ކޯޓުން އެފަދަ އަމުރެއް ކުރުމުން އާމިންދައްތައަށް އިންސާފު ހޯދައިދޭ ފަރާތްތަކުން ވަނީ އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. ނަމަވެސް އޭރު ހައިކޯޓުން ނިންމީ ދަށު ކޯޓުން ކުރި އަމުރަކީ އެއީ ރަނގަޅު އަމުރެއް ކަމަށެވެ.

އާމިންދައްތަ ބަންދުން ދޫކޮށްލާފައިވަނީ 22 ދުވަސްފަހުން، ދައުވާ ކުރަން އެކަށީގެންވާ މިންވަރަށް ހެކި ނެތިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ކޮބައިތޯ ހައްގުތައް ހޯދައިދެއްވާ ހައްގުތަކުގެ ބޮޑުވަޒީރު ގ. މޯކުޅިގޭ ބަހީލު ކަލޭގެ

  2. މުޢާޛް

    އާމިންދައްތަ މެން ގެއަށް ރޮޒޭނާ ޒިޔާރަތް ކުރި ހިސާބުން އޭރު ރަންހަދާ ޖަމީލު އާ ދެކޮޅަށް ކުރެވެމުންދިޔަ މުޒާހަރާ ކުއްލި ގޮތަކަށް ހުއްޓިއްޖެ. ވީނުވީއެއް ނޭގޭ. ރާއްޖޭގަ މިހާރު މިކުރާ ވެރިކަން މީ ހާދަވާ ހަޑިމުޑުދާރު ވެރިކަމެކޭ.

  3. މުޙައްމަދު

    5 ވަރަކަށް އަހަރު ވަޒީފާނުދީ ހިފަހައްޓާލިނަމަ އާމިންދައްތައަށް ރަނގަޅު ފައިސާކޮޅެއް ލިބުނީސް.