މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ ރައީސަކަށް "ވަން" ގެ މެނޭޖިން އެޑިޓަރު އަލީ ރިފްޝާން އަދި ނައިބު ރައީސަކަށް "ވަގުތު" އޮންލައިންގެ ޑެޕިއުޓީ އެޑިޓަރު މުހައްމަދު ޔާމީން އިންތިހާބުކޮށްފިއެވެ.

ސްޓެލްކޯ ހޯލްގައި މިއަދު ބޭއްވި އެމްޖޭއޭގެ ކޮންގްރެސްގައި މި ދެ ބޭފުޅުން މި މަގާމަށް އިންތިހާބުކޮށްފައި ވަނީ ނޫސްވެރިންގެ މެދުގައި ނެގި ސިއްރު ވޯޓެއްގައެވެ. އެގޮތުން އެމްޖޭއޭގެ ރައީސް ކަމަށް ރިފްޝާން އިންތިހާބުކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 72 މެމްބަރުންގެ އިއްތިފާގުންނެވެ. ނައިބު ރައީސް ކަމަށް ޔާމީން އިންތިހާބުކޮށްފައި ވަނީ 63 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

މި ކޮންގްރެސްގައި ވަނި ރައީސް އާއި ނައިބު ރައީސްގެ އިތުރުން ސެކްރެޓަރީ ޖެނެރަލާއި ބަޖެޓް ސެކްރެޓަރީ އާއި އާއްމު މެމްބަރެއްގެ އިތުރުން އަންހެނުންނަށް ހާއްސަ ދެ މެމްބަރަކު އިންތިހާބުކޮށްފައެވެ.

އެމްޖޭއޭގެ އެސްކޯ އަށް އަލަށް އިންތިހާބު ކުރި މެމްބަރުން

  • ރައީސް: އަލީ ރިފްޝާން (ވަން އޮންލައިން)
  • ނައިބު ރައީސް: މުހައްމަދު ޔާމީން (ވަގުތު އޮންލައިން)
  • ސެކްރެޓަރީ ޖެނެރަލް އަހުމަދު ނާއިފް (ދައުރު)
  • ބަޖެޓް ސެކްރެޓަރީ: ނާޒިމް ހަސަން (އަދަދު)
  • އަންހެން މެންބަރު: އާސިމާ ނިޒާރު (މިހާރު)
  • އަންހެން މެންބަރު: އައިޝަތު ނުޒުހާ (އަދަދު)
  • އާންމު މެންބަރު: މުޒައްޔިން ނާޒިމް (ދައުރު)

އެ މެމްބަރުންގެ ތެރެއިން އަންހެން މެމްބަރުންނަށް ހާއްސަކޮށްފައި އޮތް މަގާމަށް "ވަގުތު" އޮންލައިންގެ އައިމިނަތު ނިއުޝާ ވެސް ވާދަކުރިއެވެ. އެކަމަކު، އޭނާ ކަޓާފައި ވަނީ އެއް ވޯޓު ތަފާތުންނެވެ. އެގޮތުން އާސިމާ އަށް 39 ވޯޓު ލިބުނު އިރު، ނުޒުހާ އަށް ލިބުނީ 38 ވޯޓެވެ. ނިއުޝާއަށް ލިބުނީ 37 ވޯޓެވެ.

މި މެމްބަރުންގެ ތެރެއިން ރިފްޝާނަކީ މި ހިނގަމުންދާ ދައުރުގައި ވެސް އެމްޖޭއޭގެ ރައީސެވެ. އޭގެ އިތުރުން އޭނާ ވަނީ އެ ޖަމިއްޔާގެ ނައިބު ރައީސް ކަމުގެ އިތުރުން މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރު ކަން ވެސް ކުރައްވައިފައެވެ.

ނާއިފާއި ނާޒިމަކީ މީގެކުރިން އެމްޖޭއޭ ތަމްސީލް ކުރައްވަމުން ގެންދެވި ދެ މެމްބަރުންނެވެ.

އެމްޖޭއޭ އަށް އަލަށް އިންތިހާބު ކުރި މެމްބަރުން ހިންގުމާ ހަވާލުވާނީ މި މަހުގެ 15 ގައެވެ.

އެމްޖޭއޭއަކީ ނޫސްވެރިންނަށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށް، ނޫސްވެރިން ކުރިއެރުވުމަށް ތަފާތު އެކިއެކި ހަރަކާތްތައް ހިންގުމަށް އުފައްދާފައިވާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގައި ރަޖިސްޓްރީކޮށްފައި ތިބި ނޫސްވެރިންގެ އަދަދު 150 އަށް ވުރެ މައްޗެވެ.