ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް ފުޅާ ކުރުމަށް އިތުރު 65 ފެރީ ބަނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް އެހެން ވިދާޅުވީ ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ.

އާޒިމް ވިދާޅުވީ އާރްޓީއެލް ހިދުމަތުގައި ހިމެނޭ ޒޯން އެކެއްގެ ތިން އަތޮޅަށް ފެރީގެ ހިދުމަތް މިހާރު ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި އިތުރު ޒޯންތަކުގައި ފެރީގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ވިދާޅުވިއެވެ.

އިތުރު ޒޯންތަކަށް ބޭނުންވާ ފެރީތައް ބަނުމަށް ކޮންޓްރަކްޓަރުންނާ ހަވާލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ. އެގޮތުން 65 ފެރީއެއް ބަނުމަށް އެއްބަސްވުމުގައި މި ފެށޭ ހަފްތާގައި ސޮއިކުރާނެ ކަމަށް ވިދާޅުވިއެވެ.

"އެންމެ ފުރަތަމަ އާރްޓީއެލް ފެރީގެ ޚިދުމަތް ފެށިގެން އައީ ބޮޑެތި ގޮންޖެހުންތާކައެކު. ގިނަ ދަތިތަކާ ކުރިމަތިވި. ނަމަވެސް މި މުޅި ނިޒާމާ ގުޅޭ، ގިނަ ކަންތައްތައް މިހާރު ރާވާ ބައްޓަން ކުރެވިފައިވާތީ ކުރިއަށް އޮތް ތަނުގައި މި ޚިދުމަތް ދިނުމަށް ލުއިފަސޭހަ ވާނެ." އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އާރްޓީއެލްގެ ފުރަތަމަ ފެރީތައް ޑިޒައިން ކުރުމާ ފެރީތައް ބަނުމުގައި ގެނައި އެކިއެކި ބަދަލުތަކުގެ ސަބަބުން ކުރިން ދިވާމި ގޮންޖެހުންތައް މިހާރު ދިމާނުވާނެ ކަމަށެވެ.

އެމްޓީސީސީއާ ސަރުކާރުން ގުޅިގެން މަސައްކަތް ކުރަމުން ދަނީ، އިތުރު އަތޮޅުތަކަށް ވީހާވެސް އަވަހަށް އާރްޓީއެލް ފެރީގެ ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށް ވެސް ވިދާޅުވިއެވެ.

އާރްޓީއެލްގެ ހިދުމަތް އެމްޓީސީސީން ފެށީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އެ ހިދުމަތް ފުރަތަމަ ފެށީ ޒޯން 1 ގެ ހދ.އަތޮޅުގައެވެ. މިހާރު މިވަނީ ޒޯން 1 ގައި ހިމެނޭ ހއ. އަދި ށ. އަތޮޅަށްވެސް މި ޚިދުމަތް ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައްޑޫމީހާ

    ތޮގޮތަށް ފެރީ ހިދުމަތް ދެވޭނެ އަތޮޅަކަށް ލޯންޗެއް ލާފައިވެސް ތިޔަދެނީ ފެރީ ހިދުމަތްތޯ؟ ހއ. އަށް އެކަނި ވެސް ތީގެ 6 ލޯންޗް ބޭނުންވާނެ ހަމަ އެހެންމެ ހދ. އަށް ވެސް އަދި ށ. އަށްވެސް އެހެން ނޫނީ ކިރިޔާވެސް ލުއިކަމެއް އިހްސާސެއް ނުވާނެއެވެ. މިހާރު ތީގައި ކުޅުދޫފުއްތަށް ދާން ށ. އަތޮޅު މީހުން 8 ގަޑި އިރަށްވުރެ ގިނަ އިރު ކަނޑުމަތީގައި ދުވާލަކު އެބަހޭދަކުރޭ އާޒިމޫ