ބަންގްލަދޭޝްގެ އަލަމްގީރްއާ އެކުގައި އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތު ކުރެވޭ، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ އަބްދުއްރަހްމާން ރަފީއުއަށް ވަކީލަކު ހަމަޖެއްސުމަށް 10 ދުވަހުގެ މުއްދަތެއް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ދީފިއެވެ.

ޕީޖީ އޮފީހުގެ ތަރުޖަމާނު، ޕަބްލިކް ޕްރޮސެކިއުޓަރު އަހުމަދު ޝަފީއު ވިދާޅުވީ، އަބްދުއްރަހުމާންގެ މައްސަލައިގައި މިދިޔަ އާދީއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި ވަކީލަކު ހަމަޖައްސަން އޭނާ ފުރުސަތަކަށް އެދުމުން އެކަމަށް ދިހަ ދުވަސް ދީފައިވާ ކަމަށެވެ.

ދެން އެ މައްސަލައިގެ އަޑުއެހުމެއް އޮންނާނީ މިމަހުގެ 18 ވަނަ ދުވަހުގައި ކަމަށް ވެސް ޝަފީއު ވިދާޅުވި އެވެ.

އަލަމްގީރްއާއެކު އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މީހުންގެ ތެރެއިން މިހާތަނަށް ތަހުގީގަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހޯދިފައިވާ މީހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ނެވެ.

މިގޮތުން މިހާތަނަށް ފުލުހުން ވަނީ އަބްދުއްރަހުމާން ރަފީއުގެ އިތުރުން ގާނޫނީ ވަކީލު ނާޒިމް ސައްތާރާއި މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު ހައްޔަރުކޮށް އެ މީހުންގެ މަށްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފަ އެވެ.

އަލަމްގީރްއާއި އެކުގައި ބަދުއަހުލާގީ އަމަރު ހިންގި ކަމަށް ނާޒިމް ސައްތާރު މިއަދު ވަނީ އިއުތިރާފްވެފަ އެވެ.

މި މައްސަލައިގައި އަލަމްގީރްގެ މައްޗަށް ކުރި އެއް ޖިންސުން ގުޅުން ހިންގުމުގެ ތިން ދައުވާ އަމިއްލަ އިއުތިރާފުން ސާބިތުވުން ކްރިމިނަލް ކޯޓުން ވަނީ ހަތް މަހާއި ހަ ދުވަހަށް އޭނާ ޖަލަށް ލާން ހުކުމްކޮށްފައެވެ.