ކުޑަކުދިންނާއި ގުޅޭ މައްސަލަތައް ބޮއްސުންލައިގެން ދިޔުމުގެ ކުރިން އެ ކަންކަން ހުއްޓުވުމަށް ސިޔާސަތު ކުރިއަރުވަންޖެހޭ ކަމަށް ޗިލްޑްރަންސް އޮމްބަޑްސް ޕާސަން ނިއުމަތު ޝަފީގު ވިދާޅުވެއްޖެއެވެ.

ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް 2022 ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނިއުމަތު ވިދާޅުވީ ކުޑަކުދިންގެ ގާނޫނުތަކާއި ގަވާއިދުތަކަށް ބަލާއިރުވެސް، ކުޑަކުދިންގެ މަސްލަހަތަށް މަސައްކަތް ކުރުމަށާއި އެކުދިންގެ ހައްގުތައް ހިމާޔަތްކުރުމަށް ކުރާ މަސައްކަތަކީ އެއް މުއައްސަސާއެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް ނޫން ކަމަށެވެ.

ޗިލްޑްރަންސް އޮމްބަޑްސް އޮފީސް ވުޖޫދަށް އައި ފަހުން ހުށަހެޅޭ މައްސަލަތަކާއި ހޯދިފައިވާ ހޯދުންތަކަށް އަލިއަޅުވާލަމުން ނިއުމަތު ވިދާޅުވީ ކުޑަކުދިންނާއި ގުޅުން ހުރި މައްސަލަތަކަށް ދުރާލާ ފިޔަވަޅު އެޅުމަކީ މުހިންމު ކަމެއް ކަމަށެވެ.

ޗިލްޑްރަންސް އޮމްބަޑްސް ޕާސަން ނިއުމަތު ޝަފީގު އާއި ރައީސް ސޯލިހް - ފޮޓޯ: ރައީސް އޮފީސް

"ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ހޯދައިދީ އެކުދިންގެ މަޞްލަޙަތު ޙިމާޔަތްކޮށްދީ އެކަން، ކަށަވަރު ކޮށްދިނުމަކީ ހަމަ އެކަކުވެސް އިސްތިސްނާ ވުމެއްނެތި، މުޅި މުޖުތަމަޢުގެ ކޮންމެ މީހެއްގެ މައްޗަށް ވާ ޒިންމާއެއް." ނިއުމަތު ވިދާޅުވި އެވެ.

އޭގެ އިތުރުން ނިއުމަތު ވަނީ މުޖުތަމައުގައި ހުރި ކުޑަކުދިންނާގުޅޭ މައްސަލަތައް ދުރާލާ ދެނެގަނެ ކުދިންގެ މައްސަލައެއް ބޮއްސުންލައިގެން ދިއުމުގެ ކުރިން އެކަމެއް ހުއްޓުވުމުގެ ސިޔާސަތުތައް ކުރިއަރުވަން ޖެހޭކަން ވެސް ފާހަގަކުރައްވާފައެވެ.

ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް 2022 އަކީ ޗިލްޑްރަންސް އޮމްބަޑްސް ޕަރސަންގެ އޮފީހާއި ޔުނިސެފް ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް ކުރިއަށްދާނީ، މިއަދާއި މާދަމާ، ކްރޮސް ރޯޑް މޯލްޑިވްސްގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ކުޑަކުދިން ދުނިޔެ އަންނަނީ ކީއްކުރަންކަން އެގޭ ވަރުގެ ބަޔެއްބާ މިއުޅެނީ ، ﷲ ދެއްވި އަމާނަތެއްކަން ނޭގޭ ވަރު ބަޔަކު، ކުޑަކުދިންގެ ކަންކަމާއިގެން އުޅެގެން މުޅިއެތި ރަގަޅެއްނުވާނެ !

  2. Anonymous

    ކުޑަކުދިންނަށް ލިބިގެންވާ އެންމެ މަތިވެރި ޙައްޤަކީ ހެޔޮލަފާ ދީންވެރި އިސްލާމީ ތަރުބިޔަތަކުން އެކުދިން ތަރުބިޔަތުކުރާނޭ އޯގާތެރި ޒިންމާދާރު މަޔަކާއި ބަފައެއް ލިބުމުގެ ޙައްޤެވެ. މައިން ބަފައިންގެ އަތުން ވީއްލިގަނެ؛ ހިތުހުރިހާގޮތަކަށް އުޅުމަށް އެކުދިންނަށް ހިއްވަރުދީ ބާރުއެޅޭގޮތަށް ކުރެވޭ ކޮންމެ މަސައްކަތަކީ، އެ ޙައްޤުން އެކުދިން މަޙްރޫމު ކުރުމަށް ހިންގޭ ބޮޑުވެގެންވާ ޖަރީމާއެއް ކަމުގައި ނޫނީ ނުވާނެތެވެ.