ކުރީ ސަރުކާރުން ހިއްކާ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ ވިނަރެސް ފުލެޓުތަކަށް ކުރިމަތިލުމުގެ މުއްދަތު މާދަމާގެ ނިޔަލަށް ހަމަވާނެ ކަމަށް ހައުސިން ޑިވޮލޮޕްމަންޓް ކޯޕުރޭޝަން (އެޗްޑީސީން) ބުނެފިއެވެ.

ވިނަރެސް މަޝްރޫއުން ފްލެޓް ގަތުމަށް އޮންލައިންކޮށް ފޯމު ހުށަހެޅުމަށް ހުޅުވާލީ މިދިޔަ ޖުލައި މަހުގެ 17 އިން ފެށިގެންނެވެ.

އެ ފްލެޓަށް ކުރިމަތިލެވޭނީ މާލޭ މީހުންނާއި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނަށް އެކަންޏެވެ.

އެޗްޑީސީން ނެރެފައިވާ އުސޫލުގައިވާ ގޮތުން ފްލެޓަށް އެދި ހުށަހެޅުމުގެ ކުރިން މާލޭގައި 600 އަކަފޫޓަށް ވުރެ ބޮޑު ހައުސިން ޔުނިޓެއް ގަނެފައިވާ ނުވަތަ ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށް ފައިސާ ދައްކަން ފަށާފައިވާ މީހަކަށް ވެގެން ނުވާނެއެވެ.

އަދި ފްލެޓަށް އެދޭ ފަރާތަށް މަހަށް ޖެހޭ އާމްދަނީ 61،000ރ. އަށް ވުރެ އިތުރު ނަމަ، މި ސްކީމުގެ ދަށުން ބޯހިޔާވަހިކަމަށް އެދުމުގެ ފުރުސަތެއް ނުލިބޭނެއެވެ.

ވިނަރެސް ފްލެޓް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ފްލެޓުތައް ގަތުމަށް ފޯމު ހުށަހެޅުމުގެ މުއްދަތު މާދަމާގެ ނިޔަލަށް ހަމަވާއިރު، ފްލެޓުތައް ލިބޭ މީހުން ކަނޑައެޅުމުގައި ޕޮއިންޓް ދޭނެ އުސޫލުތަކާއި އޭގެ ތަފްސީލުތައް ވެސް އެޗްޑީސީން މިހާރު ވަނީ އާންމުކޮށްފައެވެ.

އެކަމަކު، މާލޭގައި ރަޖިސްޓްރީ ނުވެ، މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނަށާއި މާލޭގައި ރަޖިސްޓްރީވިތާ 15 އަހަރު ނުވި ނަމަވެސް، ދިރިއުޅޭތާ 15 އަހަރު ވެފައިވާ މީހުންނަށް ވިނަރެސްއިން 100 ފްލެޓު ވަނީ ހާއްސަކޮށްފައެވެ.

ވިނަރެސް ފްލެޓް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ވިނަރެސް ފުލެޓުތަކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޗައިނާގެ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) ކިޔާ ކުންފުންޏަކާ އަޅަން ހަވާލުކުރި ފުލެޓުތަކަކެވެ.

ވިނަރެސްގާ 10 ޓަވަރު ހިމެނޭއިރު ޖުމުލަ 1،344 އެޕާޓްމެންޓް ހިމެނެއެވެ. އެ އެޕާޓްމަންޓްތަކުގެ އަގު އުޅެނީ 2.5 މިލިއަނާއި ތިން މިލިއަނާ ދެމެދުގައެވެ.

މިދިޔަ މަހުގެ 20ގައި އެޗްޑީސީން ވަނީ ވިނަރެސްގެ ދެ ޓަވަރަކާއި ރަސްމީކޮށް ހަވާލުވެފައެވެ