ލަނޑާ ނަގާ ދޯންޏެއްގެ ތެރޭގައި 2019 ވަނަ އަހަރު އިސްމާއިލް ހައްމާދަށް ވަޅިން ހަމަލާދީ މޫދަށް އެއްލައިލި މައްސަލައިގައި ދައުލަތުން ދައުވާ އުފުލި އިސްމާއިލް އާސިފްގެ މައްޗަށް ކުށް ސާބިތުވެ، 10 އަހަރު ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

އެ މައްސަލައިގައި ދައުލަތުން އާސިފްގެ މައްޗަށް އުފުލީ މީހަކަށް ނުރައްކާތެރި ހާނީއްކައެއް ވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ.

މާރާމާރީ ހިންގީ އއ. މާޅޮހު ބޭރުގައި އޮތް "ޖަރީ" ދޯނީގެ ތެރޭގައެވެ. އެ ދޯންޏަކީ ވަކި ޖަމާއަތް ހަދައިގެން ނަމާދުކުރާ، ހަރުކަށި ފިކުރުގެ މީހުން ލަނޑާ ނަގަން ނުކުމެ އުޅޭ ދޯންޏެއް ކަމަށްވެއެވެ. އަދި ދޯނި ތެރޭގައި 22 ނޮވެމްބަރު 2019 ވަނަ ދުވަހުގެ ރޭ މާރާމާރީ ހިންގައި ހައްމާދަށް ހަމަލާ ދިނީ، ދީނީ ގޮތުން އުފެދުނު ދެބަސްވުމެއްގައި ކަމަށް ހައްމާދު މީގެ ކުރިން ވަނީ ބުނެފައެވެ.

ލަނޑާނަގާ ދޯންޏެއްގެ ތެރޭގައި ހިނގާދިޔަ މާރާމާރީގައި ސީރިއަސް ޒަހަމްތަކެއް ލިބުނު ޒުވާނާއަށް ވަޅިން ހަމަލާދީ ކަނޑަށް އެއްލާލުމުން އޭނާ ފަތާފައި ގޮސް އެރީ ނ. މާޅޮހަށެވެ.

މާޅޮހަށް އަރައި ހައްމާދު އެ ރަށުން އޭނާ އަށް އެހީތެރިކަން ފޯރުކޮށްދިން ދެމީހުން ކައިރީގައި ބުނި ކަމަށް ވަނީ އޭނާ އަށް އެމީހުން ހަމަލާދީފައިވަނީ ކަމަކަށް "ބައިއަތު" ހިފަން އޭނާ އެއްބަސް ނުވުމުން ކަމަށެވެ. ނަމަވެސް، ހައްމާދު ބައިއަތު ހިފަން އެއްބަސް ނުވީ ކޮން ކަމަކަށް ކަން އޭނާ ބުނެފައެއް ނުވެއެވެ.

ހައްމާދަށް ހަމަލާދިން އާސިފް

ހައްމާދުގެ އުފަން ރަށް ކަމަށްވާ، ރ. މަޑުއްވަރީ ބައެއް މީހުން މީޑިއާތަކަށް ކިޔާދިން ގޮތުގައި ހައްމާދުމެން ދަތުރުކުރާ ދޯންޔަކީ ހަރުކަށި ވިސްނުމުގެ މީހުން ދަތުރުކުރާ ދޯންޏެކެވެ. އަދި އެއީ މަސްތުވާތަކެތިވެސް ބޭނުންކުރާ ބައެއް ކަމަށާއި، ބޮޑެތި ވައްކަން ކުރުމަކީ އެމީހުން ކޮށް އުޅޭ ކަމެއް ކަމަށް ވަނީ މަޢުލޫމާތު ދީފައެވެ. ހައްމާދަކީ އެ ދޯނީގެ ކައްޕިއެވެ. އެމީހުން ރާވާ ވައްކަންތަކުގެ އެންމެ ބޮޑު މޭސްތިރި އަކީ ވެސް ހައްމާދު ކަމަށް އެމީހުން ބުނެއެވެ.

އާސިފް ވަނީ އޭނާގެ މައްޗަށް ދައުލަތުން އުފުލި ދައުވާއަށް އިންކާރުކޮށްފައެވެ. ނަމަވެސް ދައުވާ ސާބިތުކުރުމަށް ދައުލަތުން ވަނީ ގިނަ އަދަދެއްގެ ހެކި ހުށަހަޅައިފައެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ސިއްރު ހެކިން ވެސް ހިމެނެއެވެ.

ހައްމާދަށް ހަމަލާ ދިނުމަށް ބޭނުންކުރި ކިވީ ބްރޭންޑުގެ ވަޅި ވެސް ފުލުހުން ވަނީ ދޯނި އޮތް ސަރަހައްދުގެ ކަނޑު އަޑިން ހޯދައިފައެވެ.

ހައްމާދުގެ ބޮލަށާއި ވައަތު ކޮލަށާއި ވައަތު ކަންފަތަށާއި، ވައަތުގެ އަތްތިލައަށާއި އިނގިލިތަކަށާއި، ތުންފަތަށާއި ބުރަކައްޓަށް ވެސް ވަޅިން ހަމަލާދީފައި ހުއްޓެވެ.

ޝަރީއަތުގައި އާސިފް ބުނީ ހައްމާދު މޫދަށް ފުންމާލީ އަމިއްލައަށް ކަމަށެވެ. އަދި ދޯންޏަށް އަރަން ބުނުމުން ވެސް ފަތާފައި މާޅޮހަށް އެރީ ކަމަށާއި އެހެންކަމުން، ހައްމާދުގެ ހަށިގަނޑުގައި ހުރީ އާނުގަނޑެއް ފަދަ ތަނެއްގެ މައްޗަށް ވެއްޓުމުން ލިބިފައި ހުރި ޒަހަމްތަކެއް ކަމަށް ވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އާސިފް ބުނެފައިވެއެވެ.

އެކަމަކު ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ އުލަތުން އާސިފްގެ މައްޗަށް ކުރި ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ކުށުގެ އުގޫބާތެއްގެ ގޮތުން އޭނާ 10 އަހަރަށް ޖަލަށް ލާށެވެ. އެ މައްސަލައިގެ ތަހުގީގާއި ޝަރީއަތުގެ މަރުހަލާ ކުރިއަށް ދިޔައިރު އާސިފް ވަނީ ދެ އަހަރާއި އަށް މަހަށް ވުރެ ގިނަ ދުވަސް ބަންދުގައި ހޭދަކޮށްފައެވެ. އޭނާއަށް އިއްވި ޖަލު ހުކުމުން އެ މުއްދަތު އުނި ކުރުމުން އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ ހަތް އަހަރާއި ތިން މަސް ދުވަހުގެ ޖަލު އަދަބެކެވެ.

މި މާރާމާރީގައި އަނިޔާ ލިބުނު ހައްމާދުގެ މައްޗަށް ވެސް ހަރުކަށި ފިކުރާއި ގުޅޭ މައްސަލައެއްގައި ވަނީ ދައުވާ އުފުލާފައެވެ.

މިގޮތުން އޭނާ، 13 އަހަރުގެ އަންހެން ކުއްޖަކާ ކައިވެނީގެ ނަމުގައި ގުޅި، އޭނާގެ ދަރިއަކަށް އެކުއްޖާ ބަލިވެ އިނދެ ވިހެއި މައްސަލައިގައި ދައުލަތުން ވަނީ ދައުވާ އުފުލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަހުމަދުވަގާރު

    މީ ހަމަ ހުސް ދޮގު ވާހަކަ.ހައްމާދު މެންނަކީ މި ދީނަށްޓަކާ ޖިހާދު ކުރާ މީހުން .މި މުޖާހިދުން ޖަލުގަ.އަންނި މެން އަރާމުގަ ގޭގަ. މީ ކޮންކަހަލަ އިސްލާމީ ގައުމެއްބާ