ދިވެހިރާއްޖޭގެ ގައުމީ ތާރީޚު ދުވަސް ފުރަތަމަ ފަހަރަށް އިއްޔެ ފާހަގަ ކޮށްފިއެވެ. ދިވެހި ޤައުމީ ފެންވަރުގައި ތާރީޚު ދުވަހަހެއް ފާހަގަ ކުރުމުގެ މަގުސަދަކީ ތާރީޚު ދިރުވައި އާލާކޮށް ތާރީޚަށް ލޯބިކުރާ މުޖުތަމައެއް އުފެއްދުމެވެ.
ފެބްރުވަރީ މަހުގެ 27 ވަނަ ދުވަހަކީ ރާއްޖޭގެ ޤައުމީ ތާރީޚު ދުވަސްކަމަށް ކަނޑައެޅުއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.
ޤައުމީ ތާރީޚު ދުވަސް ނިސްބަތްވަނީ އަލްޤާސީ ޙަސަން ތާޖުއްދީނަށެވެ. އެ މަނިކުފާނަކީ ދިވެހިރާއްޖޭގެ ތާރީޚު އެންމެ ފުރަތަމަ ލިޔުވި މުއައްރިޚެވެ. އެއީ މަޝްހޫރު ތާރީޚު ދީބާ މަހަލްއެވެ. މި ދުވަހާ ގުޅުވައިގެން މާލޭގެ ބައެއް ސްކޫލުތަކުގައި ވަނީ ބައެއް ކަހަލަ ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ.
ދިވެހިބަހުގެ އެކެޑަމީއިން ވަނީ މިދުވަހުގެ މުނާސަބަތުގައި މާލޭގެ ސުކޫލުތަކުގެ ދަރިވަރުންނަށް ދުވަހާ ގުޅޭ މައުލޫމާތު ދެއްވުމުގެ އިތުރަށް މާލޭގައި ހުންނަ މުހިންމު އާސާރީ ތަންތަން ދަރިވަރުންނަށް ދައްކައި އެ ތަންތަނާއި ތަކެއްޗާ ބެހޭ ގޮތުން ވެސް މައުލޫމާތު ދެއްވައިފައެވެ. ޑިޕާޓްމަންޓް އޮފް ހެރިޓޭޖާ ގުޅިވަޑައިގެން އެކެޑަމީން އިއްޔެ ކުރިޔަށް ގެންދެވި ތާރީޚި މި މައިދާނީ ދަތުރުގައި، ކަޅުހުރާ މިސްކިތް، މެދު ޒިޔާރަތް، މުލިޔާގެ، ނަސްރުގެ ބިނާ، ރަސްރަނި ބަގީޗާގެ އިތުރުން ދާރުލްއާސާރުގައި ހުރި ބައެއް ޤަދީމީ ތަކެއްޗާއި ބެހޭގޮތުން ދަރިވަރުންނަށް ވަނީ މައުލޫމާތު ދެއްވައިފައެވެ.
ދިވެހިރާއްޖޭގެ ޤައުމީ ތާރީޚު ދުވަހާ ބެހޭގޮތުން ދިވެހި ބަހުގެ އެކެޑެމީގެ ރައީސް އަލްފާޟިލް އަޝްރަފް ޢަލީ ދެއްވި ޚިޠާބުގައި ބަޔާންކުރައްވައިފައިވާ ގޮތުގައި ދިވެހީންނަކީ މުއްސަނދި ތާރީޚެއް އިޮތް ބައެއްކަމަށާއިި ދިވެހި ތާރީޚު ދިރުވައި އާލާކުރައްވަން މަސައްކަތްޕުޅުކުރެއްވި ބޭބޭފުޅުންގެ ޒިކުރާ އާކުރަން ޖެހޭ ކަމުގައެވެ. މިއަހަރުގެ ޤައުމީ ތާރީޚު ދުވަހަށް އެކެޑެމީއިން ކަނޑައަޅުއްވައިފައިވާ ޝިއާރަކީ "ތާރީޚުން އިއްޔެ ދަސްކުރާށެވެ" މިއެވެ.

ކިޔުންތެރިންގެ ހިޔާލު