ދިއްދޫ ބަނދަރުގެ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

ދިއްދޫ ބަނދަރުގެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނީ، ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމު ތޮށީގައި ބްލޮކް ޖެހުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި، މިހާރު ކުރިއަށްދަނީ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތް ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢުގެ ދަށުން 78،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ބަނދަރު ފުން ކުރުމާއި 616 މީޓަރު ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 185 މީޓަރު ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހާނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދީފައިވެއެވެ.

އަދި 326 މީޓަރު ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި 4320 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ތެރޭގައި ހިމޭނެއެވެ.

މިއީ 69.87 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ މަސައްކަތް ނިންމަން ދިން މުއްދަތަކީ އެއް އަހަރު ދުވަހެެވެ.