ހއ.ދިއްދޫ ފަރަށް ބާޖަކާއި ޓަގް ބޯޓެއް އެރުމުން ލިބުނު ގެއްލުންތައް ބެލުމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ތައްޔާރުވެއްޖެ އެވެ.

އީޕީއޭގެ ޑިރެކްޓަ ޖެނެރަލް އިބްރާހިމް ނައީމް "ވަގުތަށް" ވިދާޅުވީ ދިއްދޫ ބަނދަރަށް ލިބުނު ގެއްލުންތައް ބެލުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި ދިއްދޫއަށް ޓީމެއް ފޮނުވަމަށް ތައްޔާރުވަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

ދިއްދޫގެ ފަރަށް އެރުމުން އެ ފަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް މިހާރު ވަނީ ބެލެވިފައެވެ.

ދިއްދޫ ބަނދަރުގެ މަސައްކަތް ކުރުމަށް ހިލަ ހިފައިގެން އާއި އިންޑިއާ ގެ ޓަގު ބޯޓަކާއި، ބާޖު ފަރަށް އަރާފައިވަނީ މެއި މަހުގެ ދެވަނަ ދުވަހުގަ އެވެ. އެ ބޯޓާއި ބާޖު ފަރަށް އެރީ ދިއްދޫ ގެ އިރުމަތީ ފަރާތަށެވެ. ފަރަށް އަރާފައިވަނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އެމްއެމް އެކްޕޯޓުގެ އުޅަނދުތަކެވެ.

މި ދެ އުޅަނދުވެސް ވަނީ ނަގައިފައެވެ.

އެމްއެމް އެކްޕޯޓުގެ އުޅަނދުތަށް ރާއްޖޭގެ ފަރަށް ވަރަށް ގިނައިން އަރާފައި ވެއެވެ. އެގޮތުން އެ ކުންފުނީގެ ބާޖަކާއި ބޯޓެއް ކ. ފުށިދިއްގަރު ފަރަށް 2015 އަރާފައި ވެއެވެ. އެ ކުންފުނީގެ ބޯޓެއް 2014 ވަނަ އަހަރު ތިލަފުށީ ފަރަށް އަރާފަ އެވެ.

ބޯޓުތައް ފަރަށް އެރުމުގެ މައްސަލަތައް ދޭތެރެ ދޭތެރެއިން ރާއްޖޭގައި ދިމާވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މިމީހުން

    އިންޑިއާއިން ހައިޑްރޯގްރަފީ ސާރވޭ ހަދަނީ ނަމުގަ މިގައުމުގެ ފަރުތައް ހުރި ތަންތަން އެނގި ބޯޓް ދަތުރުކުރާ މީހުންނަށް ފަސޭހަކޮށް މިހާރު އެވާ ކަހަލަ ކަންކަން ވިޔަ ނުދޭން ކަމަށް ބުނަނީ. އެކަމު އެމީހުން ހަދާ ސާރވޭއަކުން އާއްމު ރައްޔިތުންނަށް ލިބޭ އެއްވެސް އެކަހަލަ ކަމާބެހޭ ފައިދާއެއް ނެތް. އަދި އެމީހުންނަކަށް ނުހުއްޓޭ އެމީހުންގެ އަމިއްލަ ގައުމުގެ މީހުންގެ ބޯޓްފަހަރު މިގައުމުގެ ފަރަށް އެރުމަކުންވެސް.