ތިމާވެއްޓަށް ގެއްލުން ނުވާނެ ގޮތަށް ރިޔާސީ އިންތިހާބުގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދަން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން އިލްތިމާސް ކުރައްވައިިފިއެވެ..

އީޕީއޭ އިން ވިދާޅުވީ، އިންތިހާބާއި ގުޅިގެން ފޯރިގައި ކެމްޕެއިން ހަރަކަތްތައް ކުރިއަށްގެންދާއިރު، މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ރާއްޖޭގެ ތިމާވެއްޓަަށާއި، ދިރޭތަކެއްޗަށް ގެއްލުންވާގޮތްގޮތަށް ކެމްޕެއިންގެ އެކި ހަރަކާތްތައް ކުރިއަށްގެންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މީގެ ތެރެއިން ބައެއް ރަށްރަށުގައި ހެދިފައިވާ ހިމާޔަތްކޮށްފައިވާ ގަސްގަހާގެއްސަށާއި ދުވަސްވީ ގަސްތަކަށް ގެއްލުންވާ ގޮތަށް މޮހޮރު ފަދަ ތަކެތި ޖަހައި ކެމްޕެއިން ބެނާ އަދި ފޮތިފަދަ ތަކެރު ހަރު ކުރުމާއި ޖަނަވާރާއި ރުއްގަހަށް ސްޕްރޭކޮށް ދަވާދުލުމާއި، ކެމްޕެއިން ހަރަކާތްތަކަށް ބޭނުން ކުރާ ބައެއް ލީފްލެޓާއި ޕޯސްޓަރުތަކާއި ކަރުދާސްތައް މަގުމައްޗަށް ކުނީގެ ގޮތުގައި އުކާލާފާއި ހުންނަކަން ފާހަގަކުރެވިފައިވާ ކަަމަށް އީޕީއޭ އިން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، އެކި އިވެންޓްތަކުގައި ގިނަ އަދަދަކަށް ސިންގަލް- ޔޫޒް ޕްލާސްޓިކް ފެންފުޅި ބޭނުން ކުރުމަށްފަހު ކުނީގެ ގޮތުގައި އުކާލުމަށްފަހު އެ ތަކެތި ރަނގަޅަށް މެނޭޖް ނުކުރާކަންވެސް ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވެފައި ވެއެވެ. އަދި ފަރުތަކާއި މުރަކައަށް ގެއްލުންވާގޮތަށް ފަރުތައް ތޮރުފާ ނުވަތަ ހަލާކުކޮށްގެން، ދިދަ ޖެހުމުގެ ބޭނުމުގައި ދަގަނޑު ހޮޅި ޖެހުން ފަދަ ކަންކަން ކުރަމުންދާކަންވެސް ފާހަގަކުރައްވާފައި ވެއެވެ.

"އެހެންކަމުން ސިޔާސީ ޕާޓީތަކުން ކެމްޕެއިން ހަރަކާތްތައް ހިންގާ އެންމެހައި ފަރާތްތަކުން މި ކަންކަމަށް ސަމާލުކަން ދެއްވާ، އެފަދަ ކަންތައްތައް ތަކުރާރުނުވާނެ ގޮތުގެ މަތިން ކެމްޕެއިން ހަރަކާތްތައް ހިންގުމަށް އިލްތިމާސް ކުރަމެވެ.".

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    އެމްޑީޕީ އިން އެކަނި ކުރާ ކެންޕެއިން އެއް ނަމަ ތި އިލްތިމާސެއް ނުކުރީސް،

  2. އަށްދުއްރަހުމާނި

    ބ އަތޮޅު ކެންދޫ ވަށައިގެން ޖެހިތޮށީގެ ސަބަބުން ތިމާވެށީގެ ބޮޑު ކާރިސާއެއް އެރަށަށް ވަނީ ކުރިމަތިވެފަ އީޕީއޭއިން ދިރާސާނުކޮށް ކެންދޫގެ ތޮށި ލީލީނުން މުޅިއެރަށްވަނީ ނަޖިސްވެފަ މުޅިފަޅުތެރެ ފެހިވެ ރަށުގެ ބީޗުންވަނީ ވެލި ހުސްވެ އާނާޖެހިފަ މިފަދަ ކަންކަން ހަށްލުނުކޮށް ދިދައެއް ޖަހައިގެން ތިމާވެއްޓަށް ލިބޭނެ ގެއްލުމެއް އެބައޮތްބާ ......ތިމާވެށި ކިޔަވަން އިންޑިއާއަށް އަލުންދާންފެނޭ.