ފުވައްމުލައް ސިޓީގެ ގިރާ ސަރަހައްދަށް ބޭނުންވާ ހިލަ ހިފައިގެން ދަތުރުކުރި އިންޑިޔާގެ ބާޖު ފަރަށް އެރި މައްސަލަ ބަލަމުން ގެންދަނިކޮށް މިއަދު ބާޖު ފުރައިފިއެވެ.

ފުވައްމުލައް ސިޓީގެ ގިރާ ސަރަހައްދުގައި ތޮށި ލުމަށް ބޭނުންވާ ހިލަ ހިފައިގެން ދަތުރުކުރި އިންޑިއާގެ އެމްއެމް އެކްސްޕޯޓުގެ ބާޖު ފަރަށް އަރާފައިވަނީ ގިރާ ސަރަހައްދަށް ހިލަ ހިފައިގެން ވަދެ އޮއްވާ ބާޖު އަރިއަޅާލައިގެންނެވެ.

މިހާދިސާ ހިގާފައިވަނީ މިދިޔަ ހުކުރު ދުވަހުގައެވެ. އިއްޔެގެ ވަގުތެއްގައި މިބާޖު ވަނީ ފުންކޮށްފައެވެ. އެހެންކަމުން މި މައްސަލަ ކަމާއިބެހޭ އިދާރާތަކުން ބަލަމުން ގެންދަނިކޮށް މައްސަލަ ވަކިގޮތަކަށް ނުނިމެނީސް މިބާޖު ފުރީއެވެ.

މި މައްސަލަ ބަލާ ތަހުގީގު ކުރަމުންދާ ކަމަށް މިދިޔަ ހޮނިހިރު ދުވަހު އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފައިވެއެވެ. ނަމަވެސް އީޕީއޭގެ ޑިރެކްޓާ ޖެނަރަލް އިބްރާހީމް ނައީމު ވިދާޅުވީ މައްސަލަ ތަހުގީގުކުރަމުން ދަނިކޮށް ބާޖު ފުރައިގެން ގޮސްފައިވާ ކަމަށެވެ.

އިންޑިއާގެ އެމްއެމް އެކްސްޕޯޓުގެ އުޅަދުތައް މީގެކުރިންވެސް ފަރަށް އަރާފައިވާކަން ވަނީ ހާމަވެފައެވެ. އެގޮތުން މީގެ އަށް އަހަރު ކުރިން، 2015 ވަނަ އަހަރު ކ. ފުށިދިއްގަރު ފަރަށް މުތާ ރޯޔަލް ކިޔާ ޓަގު ބޯޓާއި މުތާ ގްރޭސް ކިޔާ ބާޖު، އެރުމުގެ ސަބަބުން ގެއްލުމުގެ ބަދަލުގައި ދައްކަން ޖެހޭ 100 މިލިއަން ރުފިޔާ ދެއްކަން އެ ކުންފުންޏަށް އެންގި ނަމަވެސް އަދިވެސް ނުދައްކާކަން ނައީމް ވަނީ ފާހަނގަކޮށްފައެވެ.

އީޕީއޭއިން ވަނީ 2015 ވަނަ އަހަރު ހިނގި އެ ދެ ހާދިސާއާ ގުޅިގެން 4،370 އަކަމީޓަރުގެ ސަރަހައްދަކަށް ގެއްލުންވި ކަމަށް ބުނެފައެވެ. އެ ދެ އުޅަނދު ފުން ކުރެވުނީ ވެސް އެތައް މަހެއްވީ ފަހުންނެވެ.

ފުށި ދިއްގަރު ނޫނަސް އެެހެން ހާދިސާތަކާއި ގުޅިގެން ވެސް އެ ކުންފުނި ޖޫރިމަނާކޮށްފައިވާ ކަމަށް އީޕީއޭއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބަކުރު

    ޖޫރިމަނާކުރީމަ ނިމުނީދޯ ދެން އެނުދެއްކިޔަސް އޯކޭ ބަލަ ބާޖު ދައުލަތުގެ ބެލުމުގެ ދޮށައްގެނެވެންޖެހޭނެ ޖުރިމަނާ ފައިސާ ދައްކަންދެން

  2. ާމާމީ

    ބަލަ އެއީ މިސަރުކާރުގެ ބާޖެއްވީމަ ފުރާގެން ދިއުން kobaa މައްސަލައަކީ؟

    1
    1