ފުވައްމުލައް ސިޓީގެ ގިރާ ސަރަހައްދަށް ހިލަ ގެންދަނިކޮށް ފަރަށް އެރި ބާޖުގެ އެޖެންޓް ކުންފުނިން ބޭނުން ކުރަމުންދިޔަ އުޅަނދުތަކެއް މީގެ ކުރިންވެސް ފަރަށް އެރިކަން އެނގިއްޖެއެވެ.

އެންވަަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)ގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ ފުވައްމުލަކު ފަރަށް ބާޖު އެރިކަން ރަސްމީކޮށް އަދި އަންގާފައި ނުވާ ކަމަށެވެ.

ނަމަވެސް ފޮޓޯތަކާއި ވީޑިއޯތަކުން އެކަން ހިނގާފައިވާކަން އެނގޭތީ އެކަން ބަލަމުންދާ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފުވައްމުލަކު ފަރަށް އެރީ މެއިންލޭންޑް ޝިޕިންގެ އެޖެންޓްކަމުގައި އުުޅުނު ބާޖެއް ކަމަށެވެ. އަދި އެ ކުންފުނީގެ އެޖެންޓް ބާޖުތައް މީގެ ކުރިން ވެސް ފަރަށް އަރައި ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އެގޮތުން މީގެ އަށް އަހަރު ކުރިން، 2015 ވަނަ އަހަރު ކ. ފުށިދިއްގަރު ފަރަށް މުތާ ރޯޔަލް ކިޔާ ޓަގު ބޯޓާއި މުތާ ގްރޭސް ކިޔާ ބާޖު، އެރުމުގެ ސަބަބުން ގެއްލުމުގެ ބަދަލުގައި ދައްކަން ޖެހޭ 100 މިލިއަން ރުފިޔާ ދެއްކަން އެ ކުންފުންޏަށް އެންގި ނަމަވެސް އަދިވެސް ނުދައްކާކަން ނައީމް ފާހަގަ ކުރެއްވިއެވެ.

އީޕީއޭއިން ވަނީ 2015 ވަނަ އަހަރު ހިނގި އެ ދެ ހާދިސާއާ ގުޅިގެން 4،370 އަކަމީޓަރުގެ ސަރަހައްދަކަށް ގެއްލުންވި ކަމަށް ބުނެފައެވެ. އެ ދެ އުޅަނދު ފުން ކުރެވުނީ ވެސް އެތައް މަހެއްވީ ފަހުންނެވެ.

ފުށި ދިއްގަރު ނޫނަސް އެެހެން ހާދިސާތަކާއި ގުޅިގެން ވެސް އެ ކުންފުނި ޖޫރިމަނާކޮށްފައިވާ ކަމަށް އީޕީއޭއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ދައުލަތް ހިނގަން ލާރި ދޯ.

  2. މުޙައްމަދު

    ދެއްކޭނެ ވަރެކަށް ޖޫރިމަނާ ކުރީމަ ފައިސާ ދެއްކޭނީ
    ކުނިއުކުވެސް ހަމަ މިގޮތް، އުކަން ޖެހޭ، އެހާމެ އަގުބޮޑު