މާލޭގެ ކޮންސްޓްރަކްޝަން ސައިޓަކުން ވެއްޓުނު ތޫނު ދަގަނޑު ގަނޑެއް ބިދޭސީ ފިރިހެނެއްގެ މޫނަށް ހެރި، އެމީހާ އަށް ސީރިއަސް އަނިޔާއެއް މިއަދު ލިބިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ވަގުތު"އަށް ވިދާޅުވީ މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ މިއަދު މެންދުރު 11:38 ހާއިރު ކަމަށެވެ.

މި ހާދިސާ ހިނގާފައި ވަނީ ހެންވޭރުގައި ހަދަމުން ދިޔަ އިމާރާތަކަށް ދަގަނޑުތަކެއް އަރުވަމުން ދަނިކޮށް ކަމަށާއި ދަގަނޑު ވެއްޓި ހެރިފައި ވަނީ މަސައްކަތް ކުރަމުން ދިޔަ ބިދޭސީއެއްގެ ގަޔަށް ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މި ހާދިސާގައި ޒަހަމްވި ބިދޭސީ މީހާއަށް މިހާރު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދަގަނޑު ހެރިފައި ވަނީ ބިދޭސީ މީހާގެ ނޭފަތް މައްޗަށެވެ. ނޭފަތް ފޫއަޅުވާލާފައި ގޮސް ވަރަށް ފުންކޮށް ދަގަނޑު ވަދެފައިވާ ކަމަށްވެއެވެ.