އެމެރިކާ ކޯސްޓްގާޑުގެ އެންމެ ބޮޑު އެއް އުޅަނދު ކަމަށްވާ "މިޖެޓް" އާއި އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެން ރާއްޖޭގެ ކަނޑުގައި ޑްރިލްތަކެއް ފުރިހަމަ ކޮށްފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އެމެރިކާގެ ކޯސްޓްގާޑުގެ މިޖެޓް ރާއްޖެއަށް އައިސްފައިވަނީ މިމަހުގެ 22 ވަނަ ދުވަހު ކަމަށެވެ.

މިޖެޓްގެ މި ދަތުރުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޑްރިލްތަކެއް ފުރިހަމަ ކޮށްފައިވާކަން ފާހަގަ ކުރައްވަމުން އެމްއެންޑީއެފުން ވިދާޅުވީ، މިޖެޓްގެ އެ ދަތުރުގެ ސަބަބުން ދެ ބާރުގެ ދެމެދުގައި އޮންނަ އިންޓައޮޕެރަބިލިޓީ އާއި އެއްބާރުލުން ވަރުގަދަ ވެގެންދާނެ ކަމަށެވެ.

މިކަމާއި ބެހޭ އިތުރު މައުލޫމާތެއް އެމްއެންޑީއެފުން ހާމަ ކޮށްފައެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި 418 ފޫޓު ދިގު، ފުޅާ މިނުގައި 54 ފޫޓު އޮންނަ މިޖެޓް ރާއްޖޭން ފުރުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގައެވެ. މި ބޯޓަކީ ގަޑިއަކު 28 ނޯޓިކަލް މޭލު ބޭރު މިނުގައި ދަތުރު ކުރުމުގެ ގާބިލުކަން ލިބިފައިވާ އެގައުމުގެ ކޯސްޓްގާޑުގެ އެންމެ ބޮޑު ބޯޓުގެ ތެރޭގައި ހިމެނޭ އެއް ބޯޓެވެ.