މާލޭގެ އަމީނީ މަގުގައި ހުރި ގަސްތައް ކަނޑަމުންދާ މައްސަލައާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހަަޅައިފިއެވެ.

އަމީނީ މަގު ހަދަން އެ މަގުގައި ހުންނަ ގަސްތައް ކަނޑާތީ ރައްޔިތުންގެ ތެރޭގައި ކަންބޮޑުވުން ވަނީ އުފެދިފައެވެ. އެ މައްސަލައާ ގުޅިގެން ކޯޓަށް ދާން ތައްޔާރަށް ހުންނެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

އަމީނީ މަގުން ގަސް ކަނޑާ މައްސަލަ މަޖިލީހުން ބެލުމަށް އެދި ހުށަހެޅީ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފެވެ.

އޭނާ ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ، މާލެ ހިތްފަސޭހަ ތަނަކަށް ހެދުމަކީ އެމްޑީޕީގެ ވައުދެއް ކަަމަށާއި، އެއީ ޖަޒީރާ ރާއްޖެ މެނިފެސްޓޯގައި ވާ ވައުދެއް ކަަމަށް ބުނެފައި ވެއެވެ. އަދި މާލެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދަން ޖެހިފައިވާ ކަމަށާއި، އެ މަސައްކަތުގެ ތެރެއިން އަމީނީ މަގު ހަދަން ފަށާފައިވާއިރު، އެ މަގުގުގައި މިހާރު މަސައްކަތް ކުރަމުންދާ ހިސާބުން ހިޔާދޭ ބޮޑެތި ގަސްތައް ކަނޑާލާފައިވާ ކަަމަށް ބުނެފައި ވެއެވެ.

މިއީ އިންތިހާއަށް ކަންބޮޑުުވުން އޮތް ކަމެއް ކަން ފާހަގަކޮށް ވަނީ އަމީނީ މަގުގައި ހަދަން ނުފަށައި ބާކީ އޮތް ބޮޑުބައި ހަދަން ފެށުމާއެކު އެހިސާބުގައި ހުރި ބިޔަ ގަސްތައް ކަނޑާލާނެތޯ ސުވާލު އުފެދޭ ކަމަށާއި، މާލޭގެ އެހެން މަގުތައް ރަނގަޅު ފެންވަރަކަށް ހަދާއިރުވެސް ކަންތައް ކުރާނީ އެހެންތޯ ސުވާލު ކުރެވޭ ކަމަށް ބުނެފައި ވެއެވެ.

"މުޅި މާލެއިން ކިހައި ގަހެއް ކަނޑައިގެންތޯ މާލޭގެ މަގުތައް ހެދުމަށް ސަރުކާރުން ޕްލޭންކޮށްފައި އޮތީ ކުރަމުންދާ ސުވާލެކެވެ. އެގަސްތައް ނުކަނޑައި މަގުތައް ނުހެދެނީތޯ އާއި ކަނޑާފައިވާ ގަސްތަކަކީ ކޮންމެހެން ކަނޑާން ޖެހިގެން ކަނޑާފައިވާ ގަސްތައްކެއްތޯ ކުރަމުންދާ ސުވާލެކެވެ. ރައްޔިތުން ދަނީ މިފަދަ އެތައް ސުވާލަކާއި ޝަކުވާއެއް ކުރަމުންނެވެ".

ހަސަން ލަތީފް ވަނީ އަމީނީ މަގުގެ ގަސްތައް ނުކަނޑައި ހުރި ހިސާބުތަކާއި، މާލޭގެ އެހެން މަގުތައްވެސް ރަނގަޅު ފެންވަރަށް ހަދާއިރު، ގުދުރަތީ ރީތިކަމާއި ހިތްފަސޭހަކަން ނުގެއްލޭ ގޮތަށް ހާއްސަކޮށް، އެ މަގުތަކުގައި ހުރި ގަސްތައް ނުކަނޑައި މަގުތައް ހެދުމުގެ މުހިންމުކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް އެ މައްސަލަ ހުށަހަޅާފައެވެ.

އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން ދަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އިންނެވެ.

އާރްޑީސީން ބުނީ، އަމީނީ މަގުގައި ހުރި ގަސްތައް މިހާރު ނަގަމުން ދަނީ އެ މަސައްކަތް ކުރާއިރު ގަސްތަކާ ހެދި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާތީ ކަމަށެވެ. އަދި މަގު ހަދާ ނިމުމުން ގަސް އިންދެން ހުރި ތަންތަނުގައި އަލުން ގަސް އިންދާނެ ކަމަށް އާރްޑީސީން ބުނެފައިވެއެވެ.

އަމީނީ މަގުގައި ހުރި ގަސްތައް ނަގައިގެން ގެންދަން ނިންމާފައިވަނީ ޕިކްނިކް އައިލެންޑެއް ގޮތުގައި ތަރައްގީކުރާ "ކުޑަގިރި"އަށް ކަމަށާއި އަދި މަގު ހަދާ ނިމުމުން އެމަގު ފެހިކުރުމުގެ މަސައްކަތްކުރާނެ އާރުޑީސީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ލާދީނި

    ކޮލިޓީ ދައްކޮށް އައްޑޫ ގައި ބްރިޖު އަޅަން ގަސް ކެނޑިއިރު އެހެންވިއްޔާ މައްސަލަ ހުށަނޭޅީ ކީއްވެ؟

  2. ކުމުންޒާނި

    ބ އަތޮލު ކެންދޫގެ މަގުތަކުގަ ހުރި ހުރިހާގަހެއްކަނޑާ އެވަރުނުވެގެން ގޭގޭގަ އިންފާރު އެތެރޭގަހުރިހުރިހާގަހެއް ސަރުކާރުން ބުނެގެންކަމަށް ބުނެ ރަށު ކައުންސިލުން އެގަސްތަކާއި ރުއްތަށް ކެނޑީ ކޮންހައިސިއްޔަތަކުންތޯ ސޫވާލުކުރަން.

  3. މުހައްމދު

    މީ މިގައުމަށްފާކުރައްފާފައި ހުރިމުސީބާތެއް އަޅެ ކަލޭ ގޮސް ބަލާބަލަ ގަސް ނުނަގާ މިކަން ވޭތޯ ބައެއްގަސް ކޮންމެހެންވެސް ނަގަންޖެހޭ އެހެން ނޫނިއްޔާ އެއްޗަކަށް އެއްޗެއް ހަދަންޖެހޭނީ

    2
    1
  4. މިތުރާ.

    މާލެގެ ! އަޢްޑޫސިޓީގެ ހުރި ހުރިހާ ގަހެއްވެސް މޭޔަރު ނިޒާރު ދަނީ ކަންޑަމުން، ،

  5. ލާމު

    އަންނި ޖަހާހާ ބެރަކަށް ނެށުން މީނާއަށް އޮންނަނީ.

  6. ދަރަނި ދަންތުރަ

    ވިލިގިނލި ފަރު ފުނޑު ފުނޑު ކޮށްލީމަވެސް މި ރީނދޫ ގުރޫޕަށް އެކަން ކަމަކަށް ނުވި ، މިސްކިތު ގޯތިތެރެއަށް ގުއި ރުނީމަވެސް ކަމަކަށް ނުވި ، ދައުލަތުގެ ދަރަނި ސަތޭކަ ބިލިޔަން އެރީމަ ވެސް ކަމަކަށް ނުވި ، ހާދަ އަގުބޮޑު ގަސްތަކެކޭ ދޯ

  7. ކެނެރީ

    ތިގަސްތަކަށް އެރީމަ ކައިރި ގޭގޭ ގެ ގިފިލި ފެނޭތަ އަނެއްކާ އެހެންވިއްޔާ ހަސަންލަތީފު ވަރަށް ދެރަވާނެ

  8. އރ

    ހަހަހަ.... ނޫސްތަކުގެ ހެޑިން އައް އަރަން ޖަހާ ސްޓަނޓް.