ރާއްޖޭގައި ފާހިޝް ކަންކަން އާންމުވެފައިވަނީ އެކަންކަން މަނާކުރާނެ ގާނޫނެއް ނެތިގެން ނޫން ކަމަށާއި އެކަންކަން އާންމުވެފައިވަނީ ގާނޫނު ތަންފީޒު ނުކުރެވިގެން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ އަދި އިދިކޮޅު ޕީޕީއެމްގެ ސެނެޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވެފައިވަނީ ހޯމް މިނިސްޓަރ، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަށް ފާޑު ވިދާޅުވެ، ކުރެއްވި ޓުވީޓެއްގައެވެ.

މިފަހުން އާންމުވި، އެއްޖިންސުން ގުޅުންހިންގާ ވީޑިއޯތަކާއި ގުޅިގެން މިނިސްޓަރ އިމްރާން ވިދާޅުވެފައިވަނީ ބަދުއަހުލާގީ އަމަލުތައް ގިނަވުމަކީ މިއަދު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ނުރައްކާ ކަމަށެވެ. އަދި، އެކަމުން ސަލާމަތް ވުމަށް މިހާރު އޮތް ގާނޫނު ޒަމާނާ ގުޅޭ ގޮތަށް ބަދަލު ކުރަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ "ވަގުތު" އަށް ދެއްވި ޚާއްސަ ބަސްދީގަތުމުގެ ތެރެއިން - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

"ހުތުރުކަން ބޮޑު ފާހިޝް އަމަލުތަކުގެ މަންޒަރުތައް އޮންލައިން މީޑިއާތަކާއި، މީސް މީޑިއާގައި ފަތުރާ ފަރާތްތަކާއިމެދު އެކަށިގެންވާ ފިޔަވަޅު އެޅޭނެ ގާނޫނީ އޮނިގަނޑެއް އަވަހަށް ވުޖޫދު ނުކުރެވިއްޖެ ނަމަ، ރާއްޖޭގެ އިޖްތިމާއީ އަހުލާގިއްޔާތު އެއްކޮށް ފުނޑުފުނޑު ވެގެން ހިނގައިދާނެ" އޭނާ ވިދާޅުވިއެވެ.

އިމްރާންގެ އެވާހަކަތަކަށް ރައްދުދެއްވަމުން ޝަހީމް ވިދާޅުވީ ރާއްޖޭގައި އެކަމަށް ހެދިފައިހުރި ގާނޫނުތަކަކީ މާކުރީގެ ގާނޫނުތަކެއް ނޫން ކަމަށެވެ. އަދި، ގާނޫނުލްއުގޫބާތަކީ ވެސް ވަރަށް ފަހުގެ އެއްޗެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އިޖްތިމާއީ ފޭރާން ވީދިގެން ދަނީ ގާނޫނު ނެތިގެނެއް ނޫން. ގާނޫނު ތަންފީޒު ނުވުމާއި، ތަންފީޒު ކުރުމުގައި ތަފާތުކުރުން ބޮޑުވެގެން." ޝަހީމް ވިދާޅުވިއެވެ.

އަދި، ރާއްޖޭގައި ހަށިވިއްކާ ހުރިހާ ތަނެއް ވަގުތުން ވަގުތަށް ބަންދު ކުރެވޭނެ ގާނޫނުތައް އެބަހުރި ކަމަށާއި އެހެންނަމަވެސް އެތަންތަން ބަންދު ނުކުރެވިގެން އުޅެނީ ވެސް ގާނޫނެއް ނެތީމާ ނޫން ކަމަށް ޝަހީމް ވިދާޅުވިއެވެ.

"ރާއްޖޭގައި ހިންގަމުންދާ ހަށިވިއްކާ ތަންތަން ވަގުތުން ވަގުތަށް ބަންދު ކުރެވޭނެ ގާނޫނުތައް އެބަހުރި، ނަމަވެސް އެކަން ނުވެގެން އުޅެނީ ކީއްވެ؟ އެއީ ގާނޫނު ނެތިގެނެއް ނޫން" އޭނާ ވިދާޅުވިއެވެ.

އިމްރާނާއި ޝަހީމަކީ މީގެ ކުރިން އެކުގައި އަދާލަތު ޕާޓީގައި ވަރަށް އަރިސްކޮށް މަސައްކަތް ކުރެއްވި ދެ ބޭފުޅުންނެވެ. ނިމިދިޔަ ޕީޕީއެމްގެ ވެރިކަމުގައި ޝަހީމް ކެބިނެޓުން އިސްތިއުފާ ދެއްވީ ވެސް އިމްރާން ޖަލަށްލުމާއި ގުޅިގެން އޭނާއަށް ޓަކައެވެ.

އެކަމަކު، އޭގެ ފަހުން އައި ހިޔާލުތަފާތުވުންތަކެއްގައި ދެ ބޭފުޅުންގެ ގުޅުން މިހާރު އެހާ ރަނގަޅެއް ނޫނެވެ.