ވަށާޖެހޭ ނަފްސާނީ ސިއްހަތެއް ހޯދޭނީ އެންމެން އެކުގައި ގުޅިގެން މަސައްކަތްކޮށްގެން ކަމަށް ރައީސުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިގޮތަށް ވިދާޅުވީ މިއަދު ހެނދުނު ހުޅުމާލެ ހޮސްޕިޓަލްގެ މެންޓަލް ހެލްތް ސެންޓާ ރަސްމީކޮށް ހުޅުވައިދެއްވައި ދައްކެވި ވާހަކަފުޅުގައެވެ.

މެޑަމް ފަޒްނާ ވިދާޅުވީ ހުޅުމާލޭ ހޮސްޕިޓަލްގައި މެންޓަލް ހެލްތް ސެންޓަރެއް ހުޅުވިގެންދާއިރު، އެކަމަނާ ދެކެން ބޭނުންވާ އެންމެ މުހިންމު އެއްތަނަކީ ނަފްސާނީ ދުޅަހެޔޮކަމަކީ ހަމައެކަނި މެންޓަލް ހެލްތް ސެންޓަރުގެ ޒިންމާއެއްކަމަށް ނުބަލައި، ހޮސްޕިޓަލްގެ އެހެން ހުރިހާ މުވައްޒަފުންވެސް ނަފްސާނީ ޞިއްޙަތުގެ މުހިންމުކަން ދެނެގަނެ، އެކަމަށްޓަކައި ގުޅިގެން މަސައްކަތްކުރާތަން ދެކުމަށް ކަމަށެވެ.

އެގޮތުން، މުޅި ހޮސްޕިޓަލް ޝާމިލްވާހެން އެމްބިއުލާންސް ޑްރައިވަރުން ފެށިގެން އެންމެ މަތީ ފަންތީގެ މުވައްޒަފުން ވެސް ނަފްސާނީ ޞިއްޙަތުގެ މުހިންމުކަން ދެނެގަނެ އެކަމަށް މަސައްކަތްކޮށްދެއްވުމާއި، ވަކިން ޚާއްޞަކޮށް ހޮސްޕިޓަލަކީ އެކަކު އަނެކަކަށް އޯގާތެރިކަމާއެކު އަޅާލާ ނަމޫނާ ދައްކުވައިދޭ ތަނަކަށް ހެދުމަށް ހުރިހާ މުވައްޒަފުންވެސް މަސައްކަތްކޮށްދެއްވުމަށް ގޮވާލެއްވި އެވެ.

ބަޙްރައިންއަށް ކުރެއްވި ދަތުރުފުޅުގައި ބަޙްރައިންގެ ކިންގް ޙަމަދް ޔުނިވަރސީޓީ ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތުގެ ތަޖުރިބާ ފަޒްނާ ވަނީ ހިއްސާކުރައްވާފަ އެވެ. އެގޮތުން އެކަމަނާ ވަނީ އެ ހޮސްޕިޓަލުގައިވެސް ތަފާތު އެކި ޑިޕާޓްމަންޓްތައް ގުޅިގެން ޝާމިލުކަމާއެކު ނަފްސާނީ ޞިއްޙަތުގެ ކަންކަން ކުރަމުން އަންނަކަން ފާހަގަކުރައްވައި އެފަދަ ކަންކަމުން ހުޅުމާލޭ ހޮސްޕިޓަލް ވެސް ނަމޫނާ ނެގޭނެކަމުގައި ވިދާޅުވެފައެވެ.

ހުޅުމާލޭގައި ހުޅުވުނު އެ ހޮސްޕިޓަލުގެ މެންޓަލް ހެލްތު ސެންޓަރަކީ މި ސަރުކާރުން ނަފްސާނީ ޞިއްޙަތަށް ޚާއްސަ އިސްކަމެއް ދެއްވައި ސަރުކާރުގެ ގައުމީ ސިޔާސަތުތަކުގެ ތެރޭގައި ހިމެނިގެން ކުރެވޭ މަސައްކަތްތަކުގެ ދަށުން ހުޅުވުނު ތަނެކެވެ.

ހުޅުމާލޭ ހޮސްޕިޓަލްގެ މެންޓަލް ހެލްތް ސެންޓަރުން ދޭ ޚިދުމަތްތަކުގެ ތެރޭގައި ނަފްސާނީ ބަލިތަކުގެ ފަންނީ މާހިރުން މެދެވެރިކޮށް ހެދޭ ދުނިޔެ ޤަބޫލުކުރާ ފެންވަރުގެ އެސެސްމަންޓުތައް ހެދުމާއި، ކައުންސިލިންގ ދިނުމާއި، ކޮގްނިޓިވް ބިހޭވިރަލް ތެރަޕީ އަދި ޑައިލެކްޓަރަލް ބިހޭވިރަލް ތެރެޕީ ފަދަ މުހިންމު ޚިދުމަތްތައް ހިމެނެއެވެ.

އޭގެ އިތުރުން ކުޑަކުދިންނަށް ޚާއްޞަ ފަރުވާދޭ މާހިރުން ކަމުގައިވާ އިންޑިއާގެ ކެޑަބަމްސް ހޮސްޕިޓަލްގެ ޗައިލްޑް ސައިކޮލޮޖިސްޓުންނާއެކު އޮންލައިންކޮށް މަޝަވަރާކުރުމާއެކީ، ތެރެޕީ ސެޝަންތައް ކުރިޔަށްގެންދިއުމުގެ ޚިދުމަތްވެސް މިސެންޓަރުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހެއްގެ 10 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަހުގެ ގޮތުގައެވެ. މިއަހަރުގެ މިދުވަހުގެ ޝިޢާރަކީ " މޭކް މެންޓަލް ހެލްތު އެންޑް ވެލްބީން ފޮރ އޯލް އަ ގްލޯބަލް ޕްރައޯރިޓީ" މިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޢަހު

    ބަފައިންގެ ފަރާތުން މާޒީ ހަނދާން ކޮއްލުން ކިހިނެތްވާނެ

  2. Anonymous

    ފަސްޓް ލޭޑީ އަގުބޮޑު ހެދުން ތުރުކުރައްވާ، ސްޓައިލްގަޑު 4 އަހަރު ތެރޭ ތަރައްގީ ވެއްޖެ. ޑިވެހި ފަގީރު ރައްޔިތުން އިތުރަށް ވީ ބިކަ. ކޮން މެންޓަލް ހެލްތެކޭ ކިޔާކަށް...އަސާސީ ކަންކަން ނުކުރެވޭވަރަށް ދިރި އުޅުން ހަރާބުވީމަ މެންޓަލް ހެލްތް ބަލިކަށިވަނީ...ކަމެއް ކޮއްދެންޔާ ދެންވެސް ރައްޔިތުންނަށް ނުދަރާ ދިރިއުޅެވޭނެ ގޮތް ހަދާ ދީބަލަ.

  3. ހަސަން

    މި ދެވެރިން މިފަހަރު އެބުނާ ނަފުސާނީ މި ލަފުޒު ދަސްވީ ބަހުރައިންތޯ!އޭގެ ކުރިން މިބަސް އޮންނަކަންވެސް ނޭގެނީދޯ!

  4. އަނގަގަދަ މިތުރު

    ވަށާޖެހޭ ނަފުސާނީ ޞިއްޙަތެއް ނޯވޭ. މޮޅު އެއްޗެކޭ ހިތުން މިކިޔަނީ. އެކަމަކު ގޮވެނީ ކޮސް.

  5. ލަވް

    މި ސަރުކާރުގަ އެންމެ އިވޭ ބަސް ވަށާޖެހޭ!! ހަފާކެވޭ ވަރު މަދީތޯ ކަމަނާފާނު؟