އަންވަރު ނައީމް ލިއުއްވާފައިވާ ހިޔާލީ ވާހަކައެއް ކަމުގައިވާ "ދަ އިންވިންސިބްލް: ދަ ކޮންފިއުޝަން" ފޮތް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު މިއަދު ނެރެދެއްވައިފިއެވެ.

އެ ފޮތް ފަޒްނާ ނެރެދެއްވީ މިއަދު ހެނދުނު ގައުމީ ކުޠުބު ޚާނާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އެފޮތް ނެރެދެއްވުމަށްފަހު ފަޒްނާ ދެއްކެވި ވާހަކަފުޅުގައި އަންވަރު ނައީމްގެ އެ އަދަބީ މަސައްކަތަށް ވަރަށް ބޮޑަށްއ ތައުރީފް ކުރެއްވިއެވެ.

އަދި ލިޔުންތެރިންނަށް ހިތްވަރު ދެއްވައި އެކަމަނާ ދެއްކެވި ވާހަކަފުޅުގައި ރަނގަޅަށް ވާހަކަދެކެވޭ މީހަކަށްވާން ބޭނުންނަމަ މީހުން ދައްކާވާހަކަ އަޑުއެހުމަށާއި ހަމައެގޮތަށް ރަނގަޅަށް ލިޔަން ބޭނުންވާނަމަ ގިނަ ފޮތް ކިޔުމަކީ އެކަމަށް އޮތް ރަނގަޅު މަގުކަން ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ އެހެންމީހުންގެ ހިޔާލުތައް ބަލައިގަތުމާއި އެ ކުރާކަމެއްގައި ދެމިހުރުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ލިޔުންތެރިކަމުގެ މުހިންމުކަން ފާހަގަކުރައްވައި، ލިޔުންތެރިކަން ދިރުވައި އަދި ކުރިއެރުވުމުގައި ވެސް އެފަދަ ކަންކަމަށް ހިތްވަރުދޭ މާހައުލެއް ގޭތެރޭގައިވެސް އުފެއްދުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

އަންވަރު ނަޢީމްގެ "ދަ ކޮންފިއުޝަން" ފޮތަކީ "ދަ އިންވިންސިބްލް"ގައި ހިމެނޭ ތިން ފޮތުގެ ތެރޭން ފުރަތަމަ ފޮތެވެ. މިއީ ރާއްޖެއާ ރާއްޖޭން ބޭރުގައި ހިނގާ ހިޔާލީ ހާދިސާތަކެއްގެ މައްޗަށް ލިޔެފައިވާ ވާހަކައެކެވެ.