ނަރުހުން ފޯރުކޮށްދެއްވާ ޚިދުމަތުގެ ނާރެހަކީ އަޅައިލުމާއި ބެލެހެއްޓުމާއި އަދި ބަލިމީހުންނަށް އެންމެ ހެޔޮގޮތް އިޚްތިޔާރު ކުރުމާއިއެކު ކަންކަން ނިންމުންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

ފަޒްނާ މިހެން ވިދާޅުވީ ދުނިޔޭގެ ނަރުހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ޑިނަރނައިޓްގައި އެކަމަނާ ދެއްކެވި ވާހަކަފުޅުގައެވެ.

އެކަމަނާގެ ވާހަކަފުޅުގައި ނަރުހުންނަކީ ބަލިމީހާގެ އެނދުކައިރީގައި ސައްވީސްގަޑިއިރު ތިބޭ އެންމެ ގާތް އެކުވެރިން ކަމަށާ އަދި ބަލި މީހާއަށް ހަމަޖެހުން ހޯދައިދޭ ، އޯގާތެރިކަމުން ފުރިގެންވާ ބައެއްކަމުގައި ވިދާޅުވިއެވެ.

ހަމައެހެންމެ ނަރުހުންނަކީ ނަފުސާނީ އަދި ޖަޒުބާތީ ދައުރެއް އަދާކުރާ ބައެއްކަން ފަޒްނާ ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ނަރުހެއްގެ ފަރާތުން ލިބިވަޑައިގެންނެވި ޚިދުމަތާގުޅޭ ގޮތުން އެކަމަނާގެ ވަރަށް ކުރީގެ ހަނދާންތަކަކާއި އަދި ކޯވިޑް ފެސިލިޓީގައި ޚިދުމަތްކުރެއްވި ދުވަސްތަކާއި ބައިވެރިވެވަޑައިގެންނެވި ބައެއް ބައްދަލުވުންތަކުގައި ބަލިމީހުންނާއި ގުޅޭގޮތުން އެކަމަނާ ކުރެއްވި ބައެއް ތަޖުރިބާތައް ވެސް ޙިއްޞާ ކުރެއްވިއެވެ. މި ކަންކަން ޙިއްޞާކުރައްވަމުން ފަޒްނާ ވަނީ ޞިއްޙީ ނުރައްކާ ކުރިމަތިވާހިނދު އެ ކަންކަން ހައްލުކޮށް އަމާން އައްސޭރިއަކަށް ވާސިލުކޮށްދިނުމުގެ ހިތްވަރާއި ކުޅަދާނަކަމާއި ކެރުންތެރިކަމާއި ކަންކުރަންވީ އެންމެ ތޫނުފިލިގޮތް ނަރުހުންގެ ކިބައިގައި ހުންނަކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން އެކަމަނާ ވަނީ ނަރުހުންނަކީ އަބަދުވެސް އެމީހުންގެ އަމިއްލަ ދަތިތަކުގެ ބުރައަށްވުރެ، އެމީހުންނަކީ ބަލި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެންމެ އިސް ދައުރު އަދާކުރާ ބައެއްކަމުގެ އިހުސާސްތަކުން އުފަލާއި ހިތްމަޖެހުން ލިބިގަންނަ ހިތްވަރުގަދަ ބައެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި އެކަމަނާ ވަނީ މިހާރު ޚިދުމަތުގައި ތިއްބެވި ނަރުހުންވެސް އަދި ނަރުސްކަން ދަސްކުރާ ދަރިވަރުންވެސް އެފަދަ ބަޔަކަށްވުމަށް އެދިވަޑައިގަންނަވާފައެވެ.

ރޭ ބޭއްވި ޑިނަރ ނައިޓްގައި، ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް ނާރސިންގައި ލެކްޗަރާއިންގެ ގޮތުގައި ދިގު މުއްދަތައް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް "ލޯންގ ސަރވިސް އެވޯޑް" ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ. މި ޑިނަރ ނައިޓްގައި ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް ނާރސިންގައި އުނގެނެމުންދާ ދަރިވަރުންނާއި ލެކްޗަރާއިންނާ އަދި ޤައުމީ ޔުނިވަރސިޓީގެ އެކި ފެކަލްޓީތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފާޒޫ

    ނާރެހާ ގުލްޒާރާއި ގައުމީ ލޭނާރު އެއޮތީ ޗާގޯސް އާއި ދިމާލުން ވިއްކާލާފަ. ދެން ނާރެހާ ނުލާ އުޅެންމިޖެހެނީ.

    11
  2. ގުލްޒާރުގެ އައްޕަ

    މާ މާތްމީހަކަށް ހެދިގެން އިސްތިހާރުވާން އުޅޭނެކަމެއް ނެތް