ކުޑަ ކުއްޖަކު ފެންވަރަނިކޮށް ފިހިގަނޑުން ތަޅާ އަނިޔާކުރި ކަމަށް ބުނެ ދައުލަތުން އުފުލި ދައުވާއެއް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.

މި މައްސަލައިގާ ގައިގައި އަތްލުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލާފައިވަނީ އަންހެނެއްގެ މައްޗަށެވެ.

އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައި ވަނީ 2018 ވަނަ އަހަރުގެ މާރިޗު މަހުގެ 27 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި، މީނާ ދިރިއުޅުނު ގޭގައި ކުޑަކުއްޖަކު ފެންވަރަން އުޅެނިކޮށް، މީނާ ފިހިގަނޑަކުން ކުއްޖާގެ ގައިގައި ތަޅައި އަނިޔާކޮށްފައިވާ ކަމަށެވެ.

މިއީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައެއް ކަމުން މި މައްސަލައިގެ އެއްވެސް އިތުރު ތަފުސީލެއް ކްރިމިނަލް ކޯޓުން ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލަ ސާބިތުކުރުމަށް ދައުލަތުން ވަނީ ހެކިވެސް ހުށަހަޅާފައެވެ. އެކަމަކު، އާދިއްތަ ދުވަހު ކޯޓުން ހުކުމްކޮށްފައިވަނީ އެކަށިގެންވާ ޝައްކައް ނެތް މިންވަރު އެކުށް ސާބިތުކުރެވިފައިނުވާ ކަމަށެވެ. އެހެންވެ، އެ މީހާ މިހާރު ވަނީ މިނިވަންކޮށްފައެވެ.

ދާދިފަހުން ވަނީ ކުޑަކުއްޖެއް ގައިގައި ތަޅާ އަނިޔާކުރި އެހެން މީހެއްގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށް ހުކުމް ކޮށްފައެވެ. އަދި އޭގެ ކުރިން ކުޑަކުއްޖަކާއި ބެހުނު އިންޑިއާ މީހެއްގެ މައްޗަށް ވެސް ކުށް ސާބިތުނުވެގެން ވަނީ ދޫކޮށްލާފައެވެ.

ކުޑަކުދިންނާއި ބެހޭ މިފަދަ ކުށްތަކުން ގިނަ މީހުން ސަލާމަތް ވަނީ އެކަށިގެންވާ ވަރަށް ހެކި ނުހޯދޭތީއެވެ. މިފަދަ މައްސަލަތައް ޝަރުއީ ކޯޓަކަށް ސާބިތު ކޮށްދިނުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސާބިތު

    އަންހެނެއް ކޮށްފިއްޔާ ސާބިތެއް ނުވާނެ.

    4
    1
  2. ތިމަންނަ

    ތިން ބެއިން އެއްކޮށް އަބުރާލިޔަސް މިހާރު ސާބިތެއް ނުވާނެ ...